ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދިނުމުގެ ވިސްނުން އެބަހުރިކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ފަރުޟު ހައްޖު އަދާކޮށްފައި ތިބޭ މީހުންނަށް ދެވަނަ ހައްޖެއް ލިބޭނީ، އެންމެ ފަހުން ހައްޖުކުރިތާ ފަސް އަހަރު ފަހުންކަމަށް، ބައެއް ގައުމުތަކުން އުސޫލުތައް ހަދާފައި އެބަހުރިކަމަށެވެ. މިއީ ފަރުޟު ޙައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކުރާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވަނީ މިފަދަކަމެއް ރާއްޖޭގައި ކުރުމާމެދު ރައްޔިތުންގެ ޚިޔާލު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އަދި ވަނީ ޢާންމުންގެ ޚިޔާލަށް ހުޅުވާލާފައެވެ.
މިކަމާގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، އަލަށް ނުވަތަ ފަރުޟު ޙައްޖުވުމަށް އެދޭ މީހުންނަށް އިސްކަންދިނުމާއި، ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް ފަސް އަހަރުން އެއް ފަހަރު ޙައްޖުވުމުގެ ފުރުޞަތު ދިނުމަށް، ޙައްޖާ ބެހޭ އުޞޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވާކަމަށެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުވެސް ހޯއްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަޤީގަތުގައި ފަރުޟު ޙައްޖު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކުރުމަށްޓަކައި އެހެން ޤައުމުތަކުގައިވެސް ކޯޓާގެ ކަންތައްތަކުގައި ހުރޭ ޕޮލިސީތަކެއް ކަނޑައަޅާފައި. އެހެންވީމަ ރާއްޖޭގައި އެކަން ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެއްކަމަށް އަޅުގަނޑަށް ފާހަގަވަނީ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ އުސޫލުގައި، ޢުމުރުން ދުވަސްވީ މީހުންނާއި ބަލި މީހުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުމުގައި އިސްކަންދިންނަމަވެސް، އަލަށް ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަށް އިސްކަންދޭނެ ތަރުތީބެއް ނެތެވެ. ޙައްޖަށް ދިއުމަށް ބޭނުންވާ ޢަދަދަށް ފައިސާ ދައްކައިފިނަމަ ކޮންމެ މީހަކަށްވެސް އެއް އުސޫލަކުން ފުރުޞަތުދެއެވެ.
އުސޫލު އެގޮތަށް އޮތުމުން ރާއްޖެއިން ޙައްޖަށް ދިއުމަށް ލިބޭ މަދު ކޯޓާއިން ފަރުޟު ޙައްޖުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ނުލިބޭކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ.
ރަސްމީ ކޯޓާގެ ގޮތުގައި ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. މީގެކުރިން ޙައްޖު ކޯޕަރޭޝަނުގެ އިތުރުން އަމިއްލަ ގްރޫޕުތަކަށްވެސް ޙައްޖަށް މީހުން ގެންދިއުމަށް ފުރުޞަތު ދިންނަމަވެސް، މިހާރު ހުރިހާ ކޯޓާއެއްވެސް ދެނީ ޙައްޖު ކޯޕަރޭޝަނަށް އެކަންޏެވެ.މިގޮތަށް ނިންމާފައިވަނީ ބޮޑު އަގުގައި ޙައްޖަށް މީހުން ގެންދިޔުން ހުއްޓުވުމަށާއި ޙައްޖުކޯޕަރޭޝަންގެ ކިއު ކުޑަކުރުމުގެ ގޮތުންނެވެ.