އައު އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކުރުން އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޔުނިޓާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި އޮޕަރޭޝަންގައި ހުޅުމާލޭ ފަޅުތެރެ ޕްޓެރޯލްކުރުމާއި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާކަމަށް ޝައްކުކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނިޓަރކުރާނެ ކަމަށެވެ. އަދި އޮޕަރޭންޝަންގައި ޤާނޫނާއި ގަވާއިދާ ޚިލާފުވާކަމަށް ފާހަގަވާ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްކުރަމުންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިދިޔަ އަހަރުވެސް ޑިސެންބަރު މަހު ހިންގި އޮޕަރޭޝަނެއްގައި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 5.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ފުލުހުން އަތުލައިގަނެފައިވެއެވެ.
މިއަހަރުގެ ތެރޭގައި 1.3 ބިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިމަހުގެ 8ވަނަ ދުވަހު ހާމަކުރައްވާފައެވެ. މިއަހަރުގެ ތެރޭގައި 655 ކިލޯގެ މަސްތުވާތަކެތި ތަންފީޒީ އިދާރާތަކުން އަތުލައިގަނެފައިވާ ކަމަށާއި އެއީ މިދިޔަ އަހަރާ އަޅާބާލާއިރު 6 އިންސައްތައިގެ އިތުރު މިންވަރެއްކަން ރައީސް ހާމަކުރައްވާފައިވެއެވެ.