މި ސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ލިބެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެ ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފުރުސަތު އަންނަ ސީޒަނުގައި ނުލިބިދާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ހަތް ވަނައިގައި މިވަގުތު ސިޓީ އޮތްއިރު އެ ޓީމުން ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން ބަލިވެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ސިޓީ އަށް ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.
ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޗެމްޕިއަންސް ލީގުގައި ސިޓީން ވަނީ ފާއިދުވެދިޔަ 14 ސީޒަނުގައި ކުޅެފަ އެވެ. ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގައި ސިޓީގެ އިތުރުން އެންމެ ގިނައިން ކުޅެފައިވާ އިނގިރޭސިވިލާތުގެ އިތުރު ދެ ކްލަބަކީ އާސެނަލް, 1998-2017 އަށް އަދި މެންޗެސްޓަރ ޔުނައިޓެޑް 1996-2014 އަށެވެ.
ލީގުގައި މިރޭ އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އިއްޔެ ގާޑިއޯލާ ބުނެފައިވަނީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީވެސް ކާމިޔާބީއެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ޗެމްޕިއަންސް ލީގުން ފުރުސަތު ލިބުމަކީވެސް ކާމިޔާބީއެއް. މީގެ ކުރިން އަހަރެން މިވާހަކަ ދެއްކީމަ ބައެއް ފަރާތްތަކުން މަލާމާތްކޮށް ބުނެފައިވަނީ އެއީ ކާމިޔާބީއެއް ނޫން ކަމަށް. މީގެ ކުރިން ބައެއް ކްލަބްތަކުން ދާއިމީކޮށް ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަމުން އައުމާއެކު ބައެއް ފަރާތްތަކުން ދެކެމުން އައީ އެއީ ވަރަށް ފަސޭހަ ކަމެއް ކަމަށް." ގާޑިއޯލާ ބުނެފައިވެ އެވެ.
ނަމަވެސް މިހާރު ސިޓީ އޮތް ހާލަތުން އެއީ ވެދާނެ ކަމެއްތޯ ސުވާލު އުފެދިފައިވާ ކަމަށާއި އަދި ލީގުގެ ގަދަ ހަތަރެއްގައި އޮވެ ލީގު ނިންމާލުމަކީ ދަތު އުނދަގޫ ކަމެއްކަން މިހާރު އެނގިގެންދާނެ ކަމަށްވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ.