ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި؛ ފުލުސް އޮފިސަރުގެ އިހުމާލެއް އޮތްތޯ ބަލަނީ


  • އަނިޔާ މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

ހުޅުމާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓުގައި ހިމެނޭ ފުލުހުންގެ އުޅަނދު ދުއްވި މީހާގެ އިހުމާލެއް އޮތްތޯ ބަލަމުން ގެންދަވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލޭ ފޭސް ދޭއްގެ ގުލްއަލާމަގުން އިރުން ހުޅަނގަށް ނިރޮޅު މަގު ހުރަސްކުރަމުންދިޔަ ފުލުހުންގެ އުޅަނދެއްގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ބާރު ދުވެލީގައި ދުއްވާފައި އައި ސައިކަލެއް ޖެހިގެންކަމަށެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު އޭނާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައި ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ހިލާފުވެގެން އެ ގާނޫނުގެ ދަށުން މިމަހުގެ 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ މީހެއްކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަމަށެވެ..