ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސުލާޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ނަފްސާނީގޮތުން އެކި އުނދަގޫތައް ކުރިމަތިވާ މީހުން ރާއްޖޭގައި ގިނަކަމަށެވެ. ނަމަވެސް ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެ ޚިދުމަތްތައް ރަށްރަށުން ނުލިބޭތީ ފަރުވާއަށް މާލެ އަންނަ މީހުން ގިނަކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމަށާއި، އަދި އެ ހިދުމަތް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފައްޓަވާފައިވާކަމަށެވެ.
ވަޒީރު ނާޒިމް ވިދާޅުވީ އަތޮޅުތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށެވެ.
"ރައްޔިތުންގެ ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް މި ކަމަށް. ރާއްޖޭން ބޭރުން މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ވަޒީރު ނާޒިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ނަފްސާނީ ޞިއްޙަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފްސާނީ ޞިއްޙަތުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވުމެވެ.
ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގެ ދަށުން ނަފްސާނީ ޞިއްޙަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ޚިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ގިނަ ބަޔަކު މި ހެލްޕްލައިންގެ ބޭނުންކުރާކަންވެސް ސިއްހީ ވުޒާރާއިން ވިދާޅުވެއެވެ.