ޢުމްރާގެ އަޅުކަމަށް ގޮސްއުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ޔަލަމްލަމް ހައްޖު އެންޑް ޢުމްރާ ގުރޫޕާއެކު ސައުދީ ޢަރަބިއްޔާއަށް ދިޔަ ޏ. ފުވައްމުލަށް/ ސްޓެއްލާ، ޢުމުރުން 63 އަހަރުގެ ހުސައިން މުހައްމަދު ދީދީއެވެ. ޢުމްރާގެ އަޅުކަން އަދާކުރުމަށް އޭނާ ސަޢުދީއަށް ދިޔައީ އިއްޔެގެ ވަގުތެއްގައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ މިހާރު ފެނިފައިވާކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ޔަލަމްލަމް ކުންފުނިން އުމްރާއަށް ގޮސް ހުއްޓައި ގެއްލުނު ޢުމްރާވެރިޔާ ފެނިފައިވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފަ. ޙާލު ރަނގަޅު https://t.co/yCoBXkrczh
— Mohamed Shaheem Ali Saeed (@Mohamedshaheem1) December 28, 2024
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުން ބުނީ ހުސައިން ގެއްލުނީ ޢުމްރާގެ އަޅުކަން ފުރިހަމަ ކުރިފަހުންކަމަށެވެ. އޭރު އޭނާ ހުރީ އިހުރާމުގައި ކަމަށާއި ކަރުގައި ޔަލަމްލަމް ގުރޫޕުގެ ފާސް ވެސް އަޅާފައި އޮތްކަމަށްވެސް އެ ގުރޫޕުން ބުނެފައިވެއެވެ.