ޚަބަރު

ޢަބްދުއްރަޙީމް އައުކުރެއްވީ އަތޮޅު ޚަބަރު ވިދާޅުވި ދުވަސްތައް، ވިދާޅުވީ އަޑުގައި މުސްތަޤްބަލެއް އެބައޮތްކަމަށް


  • އަތޮޅުތަކުގެ އުފެއްދުންތައް އިތުރުކުރުމަށް އެދިވަޑައިގެންނެވި

  • ރައްޔިތުންނަށް ބޭނުންވާ މުހިންމު ގިނަ މަޢުލޫމާތުތަކެއް ގެނެސްދޭކަން ފާހަގަކުރެއްވި

ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކޮށް، އަތޮޅުތަކުން ގިނަ ޕްރޮގްރާމްތަކެއް ގެނައުމަށް އެދިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 62ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ބަސްތީގަތުމެއްގައެވެ.

ދިވެހިރާއްޖޭގެ އަޑަށް ދެއްވި ބަސްތީގަތުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެމަނިކުފާނު ރޭޑިއޯއާއެކު ކުރެއްވި ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ހައްދުންމަތީ އަތޮޅު އޮފީހުގައި މަސައްކަތްކުރެއްވި ދުވަސްވަރު "އަތޮޅު ހަފްތާ ޚަބަރު" ވިދާޅުވިކަން ފާހަގަކުރެއްވިއެވެ. އޭރު އަތޮޅު އޮފީހުން އަތޮޅުގެ ރަށްރަށުގައި ހިނގާ ކަންކަން ބަލައި، އެ ޚަބަރު އެއްކުރެއްވި ކަމަށާއި، އެމަސައްކަތުގައި އެމަނިކުފާނު ޢަމަލީގޮތުން އުޅުއްވިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އެއީ އުފާވެރި ހަނދާންތަކެއްގެގޮތުގައި މަޖިލީހުގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

"އަތޮޅު ހަފްތާ ޚަބަރު، އެދުވަސްވަރު އަޅުގަނޑު މަސައްކަތް ކުރީ ލ. އަތޮޅު އޮފީހުގައި. ދެން ބައެއް ދުވަސްތަކުގައި އެ ޚަބަރު ކިޔަން ހުންނަ ކުއްޖާ ބަލިވެގެން، ނޫނީ ޗުއްޓީއެއްގައި ހުރެގެން ނާދެވި ހިނގައިދާނެ. ދެން އެ ޚަބަރު އަސްލު ތައްޔާރުކުރަނީ އަޅުގަނޑުމެން. ތައްޔާރުކުރީމަ އެކުއްޖަކު އައިސް ކިޔަނީ. އެހެން ދިމާވާ ބައެއް ދުވަސްދުވަހު ހުންނާނެ އަޅުގަނޑުވެސް ޚަބަރު ކިޔާފައި " ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިފަދަ ޕްރޮގްރާމްތަކަކީ އޭރުވެސް އަދި މިހާރުވެސް މުހިންމު ޕްރޮގްރާމްތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް ފުޅާކުރަން މިފަދަ މަސައްކަތްތައް އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.

އަބްދުއްރަހީމް ވަނީ ދިވެހިރާއްޖޭގެ އަޑަކީ މުސްތަގުބަލު އޮތް ތަނެއްކަން ފާހަގަކުރައްވާފައެވެ.

"ދިވެހިރާއްޖޭގެ އަޑުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރަން ޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. ފުޅާކުރެއްވިއްޖެއިއްޔާ މުސްތަޤުބަލެއް އޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަން. ފުޅާކުރާއިރު މާލޭގައި އެކަނި މިކަން ނުކުރެވޭނެ. އަތޮޅުތަކަށް އެބަޖެހޭ މި ޚިދުމަތްދާން." އަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ ދިވެހި ރާއްޖޭގެ އަޑަށް 62 އަހަރުވީއިރު މިއީ ރާއްޖޭގެ އެންމެ ގިނަ ދުވަސް ވީ ޚަބަރު ފަތުރާ ވަސީލަތްކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން މިޚިދުމަތް ދަމަހައްޓަން މަސައްކަތް ކުރަންޖެހޭކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.