ޚަބަރު

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ.މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި


  • ޑރ. މަންމޯހަން ސިންގް އަވަހާރަވީ އުމުރުފުޅުން 92 އަހަރުގައި

  • އެއީ އިންޑިއާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި އެންމެ ވަރުގަދަ ސިޔާސީ އެއް ވެރިޔާ

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގްގެ ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޮއިކުރައްވައިފިއެވެ.

ޑރ. މަންމޯހަން ސިންގް އަވަހާރަވުމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ވަނީ އެމަނިކުފާނު ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވާފައެވެ.

އިންޑިއާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މަންމޯހަން ސިންގ އަވަހާރަވީ ހާލުކޮޅު ދެރަވެ ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނިކޮށެވެ. އަވަހާރަވިއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 92 އަހަރެވެ.

މަންމޯހަން ސިންގ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާވެސް ފޮނުއްވާފައެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ އިންޑިއާގެ ރައްޔިތުންގެ މި ހިތާމަވެރި ވަގުތުކޮޅުގައި އެމަނިކުފާނާއި ދިވެހި ރައްޔިތުން ތިބީ އެ ޤައުމުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި މަންމޯހަން ސިންގެ އާއިލާއަށާއި އިންޑިއާގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ 2011ވަނަ އަހަރުގެ ނޮވެމްބަރު މަހު މަންމޯހަން ސިންގ ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅަކީ ރާއްޖެއަށް އިގްތިސާދީ އަދި އިޖުތިމާޢީ ތަރައްގީގައި މުހިންމު ދަތުރުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ "ލުކް އީސްޓް ޕޮލިސީ" އަކީ މުޅި ދެކުނު އޭޝިއާގެ ތަރައްގީއަށް މުހިންމު ޕޮލިސީއެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަންމޯހަން ސިންގެ އިސްނެންގެވުމުގެ މަތިން ފެށި "ލުކް އީސްޓް ޕޮލިސީ" އަކީ އިންޑިއާ އާއި ދެކުނު އޭޝިއާގެ ޤައުމުތަކާ އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ސަރަހައްދީ ތަރައްގީއަށް މަސައްކަތް ކުރުމަށް ފެއްޓެވި ޕޮލިސީއެކެވެ.

އިންޑިއާގެ ތާރީޚުގައި އުފެދުނު އެންމެ މަޤުބޫލު އަދި ވަރުގަދަ ސިޔާސީވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ސިންގ ވަނީ، އިންޑިޔާގެ ބޮޑުވަޒީރުގެ މަޤާމު 2004ން 2014ވަނަ އަހަރާ ހަމައަށް އަދާކުރައްވައިފައެވެ. އިންޑިޔާގެ އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް، އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ފަދަ ގިނަ ސިޔާސީ ލީޑަރުން ވަނީ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

މަންހޯމަން ސިންގގެ ސިޔާސީ ހަޔާތްޕުޅުގައި އިންޑިޔާގެ އިޤްތިޞާދާށާއި އިޖުތިމާޢީ ބައެއް ސިޔާސަތުތަކަށް ގެންނެވި އިންޤިލާބީ ބަދަލުތައް ގިނަ ބަޔަކު އަދިވެސް ފާހަގަކުރެއެވެ. ޙާއްޞަ ގޮތެއްގައި އިންޑިޔާގެ އިޤްތިޞާދަށް މިހާރު ފެންނަމުންދާ ކުރިއެރުމުގެ ފަހަތުގައި އޮތީ ސިންގެ ބޮޑުވަޒީރު ކަމުގައި އެޅުއްވި ފިޔަވަޅުތައް ކަމަށް ގިނަ ބަޔަކު ޤާބޫލުކުރެއެވެ.

މަންމޯހަން ސިންގ އަވަހަރާވިއިރު، އަނބިކަނބަލުންނާއި ތިން އަންހެން ދަރިކަނބަލުން ތިއްބެވިއެވެ.