ސަރުކާރު ކުންފުނިތަކުން ލޯނު ނަގާއިރު މާލީ ވުޒާރާގެ ހުއްދަ ހޯދަންޖެހޭގޮތަށް އެކަމާއި ގުޅޭ އުސޫލު ބަދަލުކުރައްވައިފިއެވެ.
މިބަދަލު ގެންނަވާފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކުލަވާލާފައިވާ "ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނަށް" ގެންނަވާފައިވާ އިސްލާޙުތަކެއްގައެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިނަށް ގެންނަވާފައިވާ އިސްލާޙުގައިވާ ގޮތުން ލޯނު ނަގަން ބޭނުންވާ ސަރުކާރު ކުންފުނިތަކުން މިގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ނިންމުމަށްފަހު އެކަން ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހޭނެއެވެ. އަދި އެ ހުއްދަ ލިބުމުން، ކުންފުނީގެ ބޯޑުން ލޯނުނެގުމަށް ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އެކަން އަންގަންވާނެކަމަށްވެސް އުސޫލުގައިވެއެވެ.
454/CIR/2024/16- SOE organizational and/or salary structure approval process guideline
— Privatization & Corporatization Board (@pcb_gov) December 31, 2024
Circular: https://t.co/d21IJbRpRe
Guideline: https://t.co/QkukZMEaMF#pcb #SOEs #transparency #governance pic.twitter.com/mHWBGzmBnB
މި އުސޫލުގެ ދަށުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ މާލީ ވުޒާރާއަށެވެ، އަދި ވިޔަފާރިކުރާ ދައުލަތުގެ އެހެނިހެން ތަންތަނުންވެސް ލޯނު ނެގުމުގައި މިގައިޑްލައިންގައިވާ ކަންކަން ފުރިހަމަކުރުމަށްފަހު ހިއްސާދާރުންގެ ހުއްދަ ހޯދުމަށް ޕީސީބީން އެދިވަޑައިގެންފައެވެ.
އަލަށް އުފައްދާ ކުންފުނިތަކުގެ ގިންތި ކަނޑައެޅުމުގައި ބަލާ މިންގަނޑަށްވެސް ޕީސީބީން ވަނީ ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން ކުންފުނި އުފައްދާފައިވާ މަޤްސަދާއި ކުންފުނީގެ ރައުސުލްމާލަށް ރިޢާޔަތްކޮށް، މާލީ ވުޒާރާގެ ލަފަޔާއެކު، ކުންފުނިތައް ގިންތި ކުރައްވާނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންކަމަށް ވަނީ ނިންމަވާފައެވެ. އަދި ޕީސީބީން ކަނޑައަޅާ ގިންތިއަށް ބިނާކޮށް، އަލަށް އުފައްދާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ޢިނާޔަތްދޭންވާނީ މިގައިޑްލައިންގައިވާގޮތުގެ މަތިންކަމަށް ވަނީ ބަޔާންކުރައްވާފައެވެ.
މީގެއިތުރުން ކުންފުނީގެ ފުރަތަމަ އަހަރު ނިމުމުން، މިއުސޫލާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރު ހިއްސާވާ ކުންފުނިތައް އެސެސްމަންޓް ހެދުމަށްފަހު، ކުންފުނި އަލުން ގިންތި ކުރެވޭނެކަމަށް އުސޫލުގައިވެއެވެ. އަދި މިގެނެވުނު ބަދަލާއެކު އަލަށް އުފައްދާ ސަރުކާރު ހިއްސާވާ ކުންފުނިތައް، ކުންފުނީގެ މަޤްސަދާއި، ރައުސުލްމާލަށް ރިޢާޔަތްކޮށް، މާލީ ވުޒާރާގެ ލަފަޔާއެކު މިބޯޑުން ގިންތިކުރަމުންދާނެކަމަށްވެސް ޕީސީބީން ވިދާޅުވެއެވެ.