އޮލިމްޕިކްސްގައި ފަސް ރަން މެޑަލް ހޯދާފައިވާ ދުނިޔޭގެ އެންމެ ދުވަސްވީ ގޯލްޑް މެޑަލިސްޓް އެގްނެސް ކެލެޓީ އުމުރުން 103 އަހަރުގައި މަރުވެއްޖެއެވެ.
ހަންގޭރީގެ ޖިމްނާސްޓެއް ކަމަށްވާ އެގްނެސް ކެލެޓީ އަކީ ގޯލްޑް މެޑަލިސްޓެއްގެ އިތުރުން ހޮލޮކޯސްޓް ސަވައިވަރއެކެވެ.
ފަސް ފަހަރު އޮލިމްޕިކްސް ޗެމްޕިއަންކަން ހޯދާފައިވާ ކެލެޓީ އެންމެ ފުރަތަމަ ރަން މެޑަލް ހޯދާފައިވަނީ އުމުރުން 31 އަހަރުގައި 1952 ގައި ބޭއްވި އޮލިމްޕިކްސް ގޭމްސްގައެވެ. އޭގެ ފަހުން 1956 ވަނަ އަހަރު މެލްބަންގައި ބޭއްވި ގޭމްސްގައި އޭނާ ހަތަރު ރަންމެޑަލް ހޯދާފައިވާއިރު، އެ އަހަރު އޭނާ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން ޖިމްނާސްޓަށް ވެފައެވެ.
އޮލިމްޕިކް ގޭމްސްގައި ކެލެޓީ ހޯދާފައިވާ 10 މެޑަލްގެ ތެރޭގައި އޭނާ ހޯދި ފަސް ރަން މެޑަލް ހިމެނޭތީ އޭނާ ވެފައިވަނީ ހަންގޭރީގެ ތާރީހުގައިވެސް ދެވަނައަށް އެންމެ ކާމިޔާބު އެތްލީޓަށެވެ.
ކެލެޓީއަކީ 1921 ވަނަ އަހަރު ހަންގޭރީގެ ވެރިރަށް ބުދަޕެސްޓަށް އުފަންވެފައިވާ މީހެކެވެ. އޭނާ އެންމެ ފުރަތަމަ ހަންގޭރިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 1940 ގައެވެ. އެހެންނަމަވެސް އެއަހަރުގެ ފަހުކޮޅު އޭނާވަނީ ހަންގޭރީގެ ހުރިހާ ކުޅިވަރު ހަރަކާތަކުން ބޭން ކޮށްފައެވެ. އެއީ ޔަހޫދީ ދަރިކޮޅުގެ މީހަކަށްވާތީއެވެ.
ކެލެޓީ މަރުވެފައިވަނީ ބުރާސްފަތި ދުވަހު ބުދަޕެސްޓްގެ މިލިޓަރީ ހޮސްޕިޓަލެއްގަ ހާރޓް ފެއިލިއާރ އާއި ނޭވާލާން އުނދަގޫވުމުގެ މައްސަލަތަކަށް ފަރުވާ ހޯދަމުންދަނިކޮންނެވެ. ދުނިޔޭގައި ހުރިނަމަ އޭނާއަށް މި ޖެނުއަރީ 9 ގައި 104 އަހަރު ފުރޭނެއެވެ.