ޚަބަރު

ރަށްރަށުގެ ކަރަންޓު ބިލުގައި ކުނި ބިލު ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފި


  • ވެމްކޯއިން ކުރިން ނިންމާފައި އޮތީ ޖެނުއަރީ މަހުގެ ތެރޭގައި މިބަދަލު ގެނައުމަށް

  • ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން މިހާރުވަނީ މި ނިންމުން ބާތިލުކުރައްވާފައި

އަތޮޅުތަކުގެ ރަށްރަށުގައި ކަރަންޓު ބިލުގައި ކުނި ބިލު ހިމެނުމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ނިންމި ނިންމުން، އެ ކޯރޕަރޭޝަނުން ބާތިލްކޮށްފިއެވެ.

މިބަދަލާ ގުޅިގެން ވެމްކޯއިން ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ވެމްކޯއިން އަތޮޅުތަކުގެ ރަށްރަށުގައި ފޯރުކޮށްދޭ، ގޭބިސީތަކުން ކުނިނަގައި ދިނުމުގެ ޚިދުމަތުގެ ބިލު، ޔޫޓިލިޓީ އެހެން ޚިދުމަތެއްގެ ބިލުގައި ހިމެނުމަށް ނިންމި ނިންމުން ބާތިލުކޮށްފައިވާކަމަށެވެ. މި ނިންމުން ބާތިލުކޮށްފައިވަނީ ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުގެ މަތިންކަމަށް އެކޯރޕަރޭޝަނުން ވިދާޅުވިއެވެ.

ވެމްކޯއިން ވިދާޅުވީ، މިއާއެކު ވެމްކޯގެ ޚިދުމަތްތައް ފޯރުކޮށްދޭނީ އަދި ޚިދުމަތުން ބިލުކުރާނީ ހަމައެއަކަނި ވެމްކޯގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށްކަމަށެވެ. އަދި ފައިސާ ދެއްކުމުގެ އިންތިޒާމުތައް ރަށްރަށުގައި ހުންނަ ވެމްކޯގެ އޮފީސްތަކުގައި ހަމަޖެހިފައި ހުންނާނެކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި އަވަސްޕޭ ޕޯޓަލް މެދުވެރިކޮށްވެސް ފައިސާދެއްކޭނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނައިގެން 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މާލެ ސަރަޙައްދުގައި އަންނަނީ ކުނި ބިލަށް ފައިސާ ދައްކަމުންނެވެ. މިއާއެކު ވެމްކޯއިން ފޯރުކޮށްދޭ ޚިދުމަތަށް ގަވައިދުން ފައިސާ ލިބޭނެ މަގު ފަހިވެފައިވާއިރު، މިއީ ވެމްކޯއަށް މާލީގޮތުން ލިބިގެންދިޔަ ބޮޑު ލުޔެއްކަން އެކޯރޕަރޭޝަނުން ފާހަގަކުރައްވައެވެ.

ބިލު ޓައި ކުރުމުގެ ކުރިން މާލެ ސަރަޙައްދުގައި 53،000 އަށް ވުރެ ގިނަ ގޭބިސީއިން ކުނި ނެގުމުގެ ޚިދުމަތް ވެމްކޯއިން ފޯރުކޮށްދިންނަމަވެސް، ގަވައިދުން ރަޖިސްޓަރކޮށްގެން ޚިދުމަތަށް ފައިސާ ދައްކަމުންދިޔައީ 20،000 އެއްހާ ގޭބިސީއިންކަން އޭރު ވެމްކޯއިންވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ އަތުން ވީއެންމެ ކުޑަ އަގެއް ނަގައިގެން އަސާސީ ޚިދުމަތެއްގެ ގޮތުގައި ކުނި ނެގުމުގެ ޚިދުމަތް ދިނުމަށް ވެމްކޯއިން މާލީ ބޮޑު ބުރައެއް އުފުލަމުންދާކަމަށް އެކޯރޕަރޭޝަނުން ވިދާޅުވެއެވެ.