ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވެގެންދާނެ އެއްބަސްވުމަކަމަށް ވާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގައެވެ.
މި އެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި، އެކްސްޕޯޓަރުންނަށާއި، އަދި ޚާއްސަކޮށް އާންމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ޗައިނާއަކީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ މައި އެއް މަރުކަޒެވެ. ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ގެންނަ މުދަލުގެ އަގުހެޔޮވެ ރައްޔިތުންނަށް މުދާ އަގުހެޔޮކޮށް ލިބޭނެއެވެ. މިއީ މި އެއްބަސްވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އެއް ފައިދާއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއިއެކު އެކްސްޕޯޓާއި ރީ-އެކްސްޕޯޓްގެ ދާއިރާ ފުޅާވެގެންދާނެއެވެ. ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކާއި އެހެނިހެން މުދާ ރާއްޖޭގައި ޕްރޮސެސްކޮށް، އެކްސްޕޯޓްކުރުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން އައު ވިޔަފާރިތައް އުފަންވެ، ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ.
މި އެއްބަސްވުމާއިއެކު ޗައިނާގެ އައު އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމުން، އަދި އިންވެސްޓްމަންޓްތައް އިތުރުވުމުން އިޤްތިޞާދު ކުރިއަރައި އޭގެ ފައިދާ ހުރިހާ ދިވެހި ރައްޔިތުންނަށް ކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
އިޤްތިޞާދީ އެކިއެކި ދާއިރާތަކުން އަދި ޓެކްނިކަލް ދާއިރާތަކުން އެއްބަސްވުމާއިއެކު ޗައިނާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެއެވެ. އަދި ކަސްޓަމްސްގެ ދާއިރާއިން 2 ޤައުމު ގުޅިގެން މަސައްކަތްކުރުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ޤާއިމްކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ޗައިނާއަކީ 1.41 ބިލިޔަނަށްވުރެ ބޮޑު އާބާދީއެއްއޮތް 707 މިލިޔަންއާއި ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ލިބޭ ޤައުމެކެވެ. އެހެންކަމުން މިހާބޮޑު މާކެޓަކަށް ވަނުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވިގެންދިއުމަކީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދު މެކުހަށް ޖަހާލާނެކަމެއްގެގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.