އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރިސްބޭން އިންޓަރނޭޝަނަލް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ހޯދައިފިއެވެ.
ބެލަރޫސް އަށް އުފަން ސަބަލެންކާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ރަޝިޔާގެ ޕޮލީނާ ކުޑަމެޓޯވާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ސެޓު ކުޑަމެޓޯވާ ކާމިޔާބު ކޮށްފައިވަނިކޮށް ފަހަތުން އަރާ ދެވަނަ ސެޓާއި ތިންވަނަ ސެޓު ކާމިޔާބުކޮށްގެންނެވެ.
މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ސަބަލެންކާ ކާމިޔާބުކުރިއިރު އޭނާ ދެން ވާދަކުރާނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތާއެވެ. މި މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނަކީވެސް ސަބަލެންކާ އެވެ.
މި މުބާރާތުގެ ފިރިހެން އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އުމުރުން 23 އަހަރުގެ ޒުވާން ކުޅުންތެރިޔާ, ޖިރީ ލެހެޗްކާ އެވެ.
ލެހެޗްކާ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި އޭނާ އާއި ދެކޮޅަށް ނިކުތް ރެއިލީ އޮޕެލްކާއަށް ފުރަތަމަ ސެޓުގައި ލިބުނު އަނިޔާގެ ސަބަބުން އޭނާ މެޗު ދޫކޮށްލުމުންނެވެ.
މި މުބާރާތް ލެހެޗްކާ ކާމިޔާބު ކުރުމާއެކު އޭނާ ވެފައިވަނީ މުބާރާތުގެ ތާރީޚުގައި މި މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ދެވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. އަދި މިއީ މި މުބާރާތް ކާމިޔާބުކުރި ޗެކް ރިޕަބްލިކްގެ ދެވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ ޗެކް ރިޕަބްލިކްގެ ކުޅުންތެރިޔަކީ 2009 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ރަޑެކް ސްޓެޕަނެކް އެވެ.