އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިވެއްޖެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 37 ވަނަ މިނިޓުގައި ނިއުކާސަލް ޔުނައިޓެޑްގެ އެލެކްޒެންޑަރ އިސާކް ވަނީ ލަނޑެއް ޖަހާ ނިއުކާސަލް އަށް ކުރި ހޯދަދީފަ އެވެ.
މިއީ މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑް އެންމެ ފަހުން ކުޅުނު 15 މެޗުގައި އިސާކް ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި އެ ޓީމު ވަނީ އެންމެ ފަހުން ކުޅުނު ހަތް މެޗުން މޮޅުވެފަ އެވެ.
މި މެޗުގައި ނިއުކާސަލް ޔުނައިޓެޑް އިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 51 ވަނަ މިނިޓުގައި އެންތޮނީ ގޯޑަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި އާސެނަލްގެ ގެބްރިއެލް މާޓިނޭލީ ފޮނުވާލި ނުރައްކާތެރި ހަމަލައެއް ނިއުކާސަލްގެ ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު ވިލިއަމް ސަލީބާ އާއި ޖުރިއެން ޓިމްބަރ އަށް ލިބުނު ފުރުސަތުތައް ވަނީ ބޭކާރުވެފަ އެވެ.
ނިއުކާސަލް ޔުނައިޓެޑަށް މިހާތަނަށް ކަރަބާއޯ ކަޕް ކާމިޔާބު ކުރެވިފައިނުވާއިރު އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އާސެނަލް އާއި ދެކޮޅަށް ކުޅޭ ސެމީ ފައިނަލުގެ ދެވަނަ ލެގުން އެއް ލަނޑުގެ ތަފާތަކުން ނިއުކާސަލް ބަލިވިނަމަވެސް އެ ޓީމަށް މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ލިބިގެންދާނެ އެވެ.