ޚަބަރު

ރަށްރަށުގެ ޒުވާނުންގެ ގިނަ މައްސަލަތަކަށް ރައީސް ގެންދަވަނީ ހައްލު ހޯއްދަވައިދެއްވަމުން: ޒުވާނުންގެ ވަޒީރު


  • މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުން

ރަށްރަށުގައި ދިރިއުޅޭ ޒުވާނުންނަށް ކުރިމަތިވާ ގިނަ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް އެހެން ރައީސުންނާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން، ކުރީގެ ރައީސުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ވަޑައިގަންނަވަނީ ކެމްޕޭންތަކާ ދިމާކޮށް ނުވަތަ ރަސްމިއްޔާތުތަކާ ދިމާކޮށް ކަމަށާއި އެއާ ޚިލާފަށް ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި ހައްލުތައް ހޯއްދަވައިދެއްވަން ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ރަށްރަށުގައި ހުރި މައްސަލަތައް ބައްލަވައި އެކަމަށް ބޭނުންވާ ހައްލު ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައިދެއްވަމުން ގެންދަވާ ކަމަށެވެ. ޒުވާނުން ބޭނުންވަނީ ރަށުގައި ތިބެގެން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދިއުން ކަމަށާއި ރަށުގެ ރައްޔިތުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތްތަކުން އެކަމަށް ހައްލު ލިބިގެންދާ ކަމަށް ވަޒީރު ވިދާޅުވުއެވެ.

"ޒުވާނުންގެ ވަރަށް ގިނަ މައްސަލަތަކަށް، ރަށަކަށް ޚާއްސަކޮށް ބޭނުންވާ ކަންކަމަށް ރައީސް އެގެންދަވަނީ ހައްލު ހޯއްދަވައިދެއްވަމުން. މިގޮތުން ޒުވާނުން އެންމެ ބޮޑަށް ފާހަގަކުރަނީ ވަޒީފާގެ ކަންކަން. އެއީ ރަށުގައި ތިބެގެން ވަޒީފާ އަދާކުރެވޭ ގޮތްތައް އެބޭފުޅުން އެބަ ބޭނުންވޭ. އެކަމަށް ރަށްރަށުގައި ތިއްބެވި ބޭފުޅުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އެބޭފުޅުންނަށް ގޮތްތައް އެބަ ހޯއްދަވައިދެއްވާ،" ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކުޅިވަރާއި ކަސްރަތުގެ ކަންކަން ރަށުގައި ގާއިމުވެފައި ހުންނަން ޒުވާނުން ބޭނުންވާ ކަމަށާއި ނަމަވެސް މިހާރު ރަށްރަށުގައި ހުރި އެފަދަ ތަންތަން ހުރީ ހަލާކުވެފައި ކަމަށެވެ. އެ ވަަސީލަތްތައްވެސް މިއަހަރުގެ ބަޖެޓުގެ ތެރެއިން ގާއިމްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.