ޚަބަރު

ދެކުނު ކޮރެޔާގެ ޔޫން ހައްޔަރުކުރަން ކޯޓުން އައު ޢަމުރެއް ނެރެފި


ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ހައްޔަރު ކުރުމަށް، އެ ޤައުމުގެ ކޯޓުން އައު ޢަމުރެއް ނެރެފިއެވެ.

ޔޫން ހައްޔަރު ކުރުމަށް މިދިޔަ ހަފުތާގައި ނެރުނު ފުރަތަމަ ޢަމުރުގެ މުއްދަތު އިއްޔެ ހަމަވިއިރު ވެސް، އޭނާގެ ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިން ހުރަސް އެޅުމުން އެ ޢަމުރު ތަންފީޒުކުރެވިފައެއް ނުވެއެވެ. އެއާ އެކު، ތަހުޤީޤީ ޓީމުން އެދުނު އުދުމުގެ މަތިން، ކޯޓުން އިއްޔެގެ ވަގުތެއްގައި ވަނީ ޔޫން ހައްޔަރުކުރުމުގެ އައު ޢަމުރެއް ނެރެދީފައެވެ.

ޔޫން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ދެކުނު ކޮރެޔާގެ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިދާރާ (ސީއައިއޯ)އިން ބުނި ގޮތުގައި، ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިންގެ ސަފުތައް ފޫއަޅުވާލައި، ރިޔާސީގަނޑުވަރަށް ވަދެ، ޔޫން ހައްޔަރުކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ކޯޓުން އައު ޢަމުރެއް ނެރުމާ އެކު، ހަށިފާރަވެރިންނާއި އަސްކަރިއްޔާގެ ސިފައިން ވަނީ ރިޔާސީގަނޑުވަރު ވަށައިގެން އިތުރު ބެރިކޭޑުތަކާއި ކަށިނަރުޖަހައި، އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށްފައެވެ. ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނީ ރިޔާސީ ގަނޑުވަރުގައި ތިބި ސިފައިންނަކީ ޔޫންގެ ހަށިފާރަވެރިންގެ ޢަމުރު ހިނގާ ބަޔެއް ކަމުގައެވެ. އައު ޢަމުރު ނެރުމުން ޔޫންއަށް ތާޢީދުކުރާ މީހުންގެ އިތުރުން އިދިކޮޅުން ވެސް ރިޔާސީގަނޑުވަރު ހުންނަ ސަރަޙައްދަށް ޖަމާވެފައެވެ.

މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައި، ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު ޢަމުރެއް ނެރުމަށް އެދި ހުށަހެޅީ، ސީއައިއޯގެ ތަޙުޤީޤީ އޮފިޝަލުންނާ ބައްދަލު ކުރައްވައި، އެ އިދާރާގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޔޫން ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.

އެ އިދާރާއިން ޤަބޫލު ކުރާ ގޮތުގައި، ޑިސެންބަރު 3ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައި ވަނީ ދެކުނު ކޮރެޔާގެ ޤާނޫނީ ބާރުވެރިކަން ނެތިކޮށްލުމުގެ ނިޔަތުގައެވެ. އަދި، އެ ކަމާ ގުޅޭ ފުރިހަމަ ތަޙްޤީޤެއް އެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ. ޔޫން މި ވަގުތު ހުންނެވި ރިޔާސީ ގަނޑުވަރަށް ރޭޑު ޖަހަން އެ ޤައުމުގެ ފުލުހުން ކުރިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ޑިސެންބަރު 3ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނު ކުރެއްވުމަށް ފަހު، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ. ނަމަވެސް، ކުއްލިހާލަތުގެ އަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހަށް ސިފައިން ފޮނުވާފައެވެ. އަދި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ހަތިޔާރު އެޅި ސިފައިން ވަނުމާ ގުޅިގެން، ސިފައިންނާއި މަޖިލީހުގެ މުވައްޒަފުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.

ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ކުށަކަށް އަރައިގަނެފައިވާ ކަމަށް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރުމާ ގުޅިގެން، ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުން ވަނީ އޭނާއާ ދެކޮޅަށް ޝަރިޢަތް ހިންގަން ފަށާފައެވެ. ޔޫން ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުންނެވެ. މި ފަދަ ހާލަތްތަކުގައި ޝަރިޢަތް ނިންމުމަށް އެ ކޯޓަށް 180 ދުވަހުގެ މުހުލަތެއް ޤާނޫނުން ދީފައި އޮތް ނަމަވެސް، ޔޫންގެ މައްސަލަ އަވަސްނިޔާގެ އުސޫލުން ހިންގުމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.