ސްޕެނިޝް ސުޕް ކަޕުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ކުޅެން އެތްލެޓިކް ބިލްބާއޯގެ ވިންގް ނިކޯ ވިލިއަމްސް ފިޓް ނޫން ކަމަށް އެ ކުލަބުން ބުނެފި އެވެ.
މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ސައޫދީ އަރަބިއާގެ ޖިއްދާގައި ކުޅޭ މެޗުގައި މި ސަބަބާހުރެ އޭނާ ފެނުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.
މިދިޔަ އަހަރު ބޭއްވި ޔޫރޯގެ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ނިކޯ އަކީ 2022 ވަނަ އަހަރުގެ ސުޕަކަޕް އެތްލެޓިކް ކުލަބަށް ކާމިޔާބުކޮށްދޭން ގޯލް ޖެހި ކުޅުންތެރިޔާ އެވެ. އޭނާ މިވަގުތު ދަނީ ފަޔަށް ލިބިފައިވާ ހާނިއްޔަ އަށް ފަރުވާކުރުމުންނެވެ. ނަމަވެސް ކޯޗު އާނެސްޓޯ ވަލްވާޑޭ ހުރީ ކިރިޔާ ފުރުސަތެއް ލިބުނަސް އޭނާގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް ފުރުސަތުދޭން ތައްޔާރަށެވެ.
އެތްލެޓިކް ކުލަބުން މި މެޗުގެ ކުރިން ބުނީ ނިކޯ އުޅެނީ ވަރަށް ބޮޑަށް ފަޔަށް ތަދުވާތީ ކަމަށެވެ. އަދި އިންޖެކްޝަން ޖަހައިގެން ފައިގެ ތަދު ކުޑަކުރެވުނު ނަމަވެސް އެގޮތަށް މެޗު ކުޅުވަން ޓީމުގެ މެޑިކަލް ޓީމުން ބޭނުންނުވާ ކަމަށެވެ.
ނިކޯ އަކީ މި މެޗަށް ނުކުންނައިރު އެތްލެޓިކް ޓީމުގައި އަނިޔާގެ މައްސަލަ ދިމާވެފައިވާ ހަމައެކަނި ކުޅުންތެރިޔާ އެއްނޫނެވެ. އޭނާގެ އިތުރުން ސަންސެޓާއި ޔެރާއީ އަދި ގަލަރެޓާ އަށް ވެސް ވަނީ ހާނިއްކަވެފަ އެވެ. ނަމަވެސް މި ކުޅުންތެތިން މެޗުގައި ކުޅުވާނެ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރާނީ ރެއާލް މެޑްރިޑާއި ރެޔާލް މަޔޯކާ މާދަމާ ރޭ ކުޅެގެން މޮޅުވާ ޓީމަކާ އެވެ.