ޚަބަރު

ހުވަދުއަތޮޅަށް މޫސުން ގޯސްވެ އޮރެންޖު އިންޒާރު ނެރެފި


  • މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އިންޒާރު ނެރެފައިވަނީ 15:00 ޖެހުމާ ހަމައަށް

މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުވަދު އަތޮޅަށް އޮރެންޖް އިންޒާރު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖް އިންޒާރު ނެރެފައިވަނީ ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށެވެ. މިއިންޒާރު ނެރެފައިވަނީ މެންދުރު 12:25 އިން ފެށިގެން 15:00 އާއި ހަމައަށެވެ. މިވަގުތުގައި އެސަރަހަށްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ވިއްސާރައަކީ އެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި މީގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް އެއިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ވިދާޅުވީ ވިދާޅުވީ މިވަގުތު ދެކުނު ސަރަހައްދަށް އާންމު ވައި މަޑު ކަމަށެވެ. ދެކުނު ސަރަހައްދުގެ ވައި ހުންނާނީ ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދު ކަމަށް އެއިދާރާއިން ވިދާޅުވިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ދެކުނުގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.. އަދި އުތުރާއި މެދުރާއްޖެ ތެރެއަށް ކެރީގެ އަސަރުކުރާނެ ކަމަށެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އިންޒާރު ނެރެނީ އާދަޔާ ޚިލާފަށް ގުގުރާ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ހާލަތްތަކުގައެވެ. އެގޮތުން މި އިންޒާރު ނެރޭ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށް އެއިދާރާއިން ވިދާޅުވެއެވެ.