މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް، މަޓާޓޯގެ ކުރިޔަށް އޮތް ދައުރުގެ ރައީސްކަމަށް މިހާރުވެސް އެ މަޤާމުގައި ހުންނެވި އަބްދުﷲ ޤިޔާސް ރިޔާޒް އިންތިޚާބުކޮށްފިއެވެ.
މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގެ ތެރެއިން އެ ޖަމުޢިއްޔާގެ ބޯޑަށް ކުރިއަށްއޮތް ދައުރަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގައި ޝަރަފުވެރިކޮށްދެވީ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލްއެވެ.
މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި އެ ޖަމުއިއްޔާގެ ރައީސްގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ އެ މަޤާމުގައި މިހާރުވެސް ހުންނެވި އަބްދުﷲ ޤިޔާސް ރިޔާޒްއެވެ. ބޯޑުގެ ނައިބު ރައީސަށް އިންތިޚާބުކޮށްފައިވަނީ މީގެ ކުރިންވެސް އެ މަޤާމުގައި ހުންނެވި މުޙައްމަދު ހަލީލާއި، މުޙައްމަދު ޝާޒް ވަލީދެވެ.
މަޓާޓޯގެ ބޯޑުގައި ޖުމްލަ 10 މެންބަރުން ތިއްބަވައެވެ. އެއީ ބޯޑުގެ އެކި މަޤާމުތަކަށް އިންތިޚާބުކޮށްފައިވަނީ މެންބަރުންގެ އިތުރުން އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި އިންތިޚާބުކޮށްފައިވާ 5 މެންބަރުންނެވެ.
މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ޤިޔާސް ވަނީ މި ވޭތުވެދިޔަ އަހަރު އެ ޖަމީއްޔާއަށް ލިބުނު ކާމިޔާބީތަކާއި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި އޭނާ ވަނީ މިއަހަރު ޓެރެވެލް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތައް މިހާރަށް ވުރެ ބޮޑަށް ގުޅިގެން ނަތީޖާ ނެރުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.
މި ޖަލްސާގައި މަޓާޓޯއިން ވަނީ މިދިޔަ އަހަރު ހާސިލުކުރި ކާމިޔާބީތަކާއި ގުޅޭގޮތުން ހާއްސަ ވިޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ. އަދި މަޓާޓޯގެ ސްޓޫޑެންޓް އިންޓަރިމް ޗެޕްޓާގެ ތެރެއިން މިއަހަރު ކުރަން ކަނޑައަޅާފައިވާ ކަންތައްތައްވެސް ޖަލްސާގައި ހާމަކުރިއެވެ.
މެންހަޓަން ބިޒްނަސް ސްކޫލުގައި ބޭއްވި މަޓާޓޯގެ އަހަރީ އާއްމު ޖަލްސާގައި ޝަރަފުވެރިކޮށްދެވި ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވަނީ މަޓާޓޯގެ އައު ވެބްސައިޓާއި ލޯގޯ އިފްތިތާހުކޮށްދެއްވާފައެވެ.
މިއަހަރު މަޓާޓޯ އަށް 18 އަހަރު ފުރޭއިރު، އެ ޖަމުޢިއްޔާ އުފައްދާފައިވަނީ 2006 ވަނަ އަހަރުއެވެ. ފަތުވެރިކަމުގެ ސިނާޢަތުގައި އެ ޖަމުޢިއްޔާއިން ދަނީ ސަރުކާރާއި ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ސިނާޢަތް ކުރިއެރުވުމަށް މަސައްކަތް ކުރަމުންނެވެ.