ޚަބަރު

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފި


  • ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށް ވިދާޅުވި

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ޗައިނާގެ ޚާރިޖީ ވަޒީރު ޚާރިޖީ ވަޒީރު ވާންގް ޔީ، ދެއްވައިފިއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު މިޔަޤީންކަން ދެއްވީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ވާންގް ޔީ ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށް ތަޢުރީފްކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އަކީ ޗައިނާގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި ޗައިނާއަށް އިތުބާރުކުރެވޭ ބައިވެރިއެއް ކަމަވެސް ވިދާޅުވިއެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީގެ ވާހަކަފުޅުގައިވަނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ޗައިނާގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތައް އަވަސްކުރުމަށް ބާރުއަޅުއްވާނޭކަމަށްވެސް ވިދާޅުވިއެވެ. ވާންގް ޔީގެ ވާހަކަފުޅުގައިވަނީ "ވަން ޗައިނާ" ޕޮލިސީއަށް ރާއްޖޭން ދެމުންދާ އިސްކަން ފާހަގަކުރައްވާ ރާއްޖެ ޗައިނާ ގުޅުމަކީ ޤައުމުތަކުގެ ކުޑަ ބޮޑު މިނަށް ބެލުމެއްނެތި ގުޅިގެން ތަރައްޤީ އާއި ފުދުންތެރިކަން ހޯދޭނެކަމުގެ އަލިގަދަ ހެއްކެއްކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އެއްބަސްވުން ތަންފީޒުކުރުމަށާއި މަލްޓިލެޓަރަލް ޕްލެޓްފޯމްތަކުގައި އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގަންނަވާފައެވެ.