ވެސްޓް ހޭމް ޔުނައިޓެޑުގެ ކޯޗުގެ މަގާމާ އަލަށް ހަވާލުވި ގްރަހަމް ޕޮޓާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.
އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މި މެޗުން ވެސްޓް ހޭމް ބަލިވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
އެސްޓަން ވިލާގެ، ވިލާ ޕާކުގައި ސާޅީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނިޓުގައި ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާއިން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ވެސްޓް ހޭމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަމަލަތަކެއް ފޮނުވާލާފައެވެ.
އެގޮތުން މެޗުގެ 71 ވަނަ މިނިޓުގައި އަމަދޫ އޮނާނާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި އޭގެ ފަސް މިނިޓް ފަހުން މޯގަން ރޮޖާ ވަނީ އިތުރު ލަނޑެއް ޖަހައި އެސްޓަން ވިލާއަށް ކުރި ހޯދަދީފަ އެވެ.
ދެ އަހަރެއްހާ ދުވަހު ކޯޗިން އާއި ދުރުގައި ހުރުމަށްފަހު އެނބުރި ކޯޗިންގެ ތެރެއަށް އައި ގްރަހަމް ޕޮޓާ ވެސްޓް ހޭމްއާ ހަވާލުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަދި ރޭ އެސްޓަން ވިލާއާ ދެކޮޅަށް ވެސްޓް ހޭމް ނިކުމެފައިވަނީ ޕޮޓާގެ އިރުޝާދުގެ ދަށުން އެންމެ ފަރިތަކުރުމެއް ބޭއްވުމަށް ފަހުގައެވެ.
ސީޒަނުގެ ކުރިއަށް ހުރި މެޗުތަކަށް ވެސްޓް ހޭމް ނިކުންނައިރު، އެ ޓީމަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައެވެ. އެގޮތުން ކާރު އެކްސިޑެންޓެއްގައި ލިބުނު އަނިޔާގެ ސަބަބުން ފޯވަޑް މިކޭލް އެންޓޯނިއޯއަށް މި ސީޒަނުގައި ދެން ނުކުޅެވޭއިރު, ޖެރޮޑް ބޮވެން އާއި ނިކްލަސް ފުލްކްރޫގް އަށްވެސް ވަނީ އަނިޔާވެފައެވެ.