ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަންނަ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސްކޭހެއް ދޫކުރާނެ ކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.
މިރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނުގެ މިވަޢުދުފުޅާއެއްގޮތަށް މަސްދަޅުކޭސް ހަދިޔާ ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިފްކޯއިން އަންނަނީ ވަމުންނެވެ.
މިފްކޯއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ މިރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދިނުމަށް ނިންމާފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށެވެ. މިފްކޯއިން ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާ ކަމަށާއި މިއަހަރު ރައީސްގެ ނިންމެވުމާއެކު އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.
މިފްކޯއިން ވިދާޅުވީ މިމަސައްކަތް ކުރިއަށްގެންދަނީ އެސްޓީއޯއާ ގުޅިގެން ކަމަށާއި އަންނަ މަހު މަސްދަޅުތައް ތައްޔާރުކޮށް ނިމޭނެ ކަމަށެވެ. މި މަސައްކަތް ނިމުމުން ގެތަކަށް މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާކަމަށާއި މަސްދަޅު ކޭސް ދޫކުރާނެ ގޮތްތައް މިހާރު ރާވަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރަމަޟާން މަހު ރާއްޖޭގެ 82،000 ގޭބިސީއަކަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފައެވެ. ނަމަވެސް މިއަހަރު ރައީސް ނިންމެވީ ކާޑުގެ ބަދަލުގައި ރަމަޟާން މަހު އެންމެ ގިނައިން ގެތަކުގައި ބޭނުންކުރާ މަސްދަޅު ހަދިޔާ ކުރެއްވުމަށެވެ.
ރާއްޖޭގެ ބާޒާރުގައި މިފްކޯއިން އުފައްދާ މަސްދަޅުތަކުގެ ތެރެއިން ތެލުގައި ރައްކާކޮށްފައި ހުންނަ އާދައިގެ މަސްދަޅެއް ލިބެނީ 16 ރުފިޔާއަށެވެ. އެ އަގުން 48 މަސް ދަޅަށް ޖެހޭނީ 768 ރުފިޔާއެވެ. މި އަދަދުން ބަލާނަމަ 82،000 ގޭބިސީއަށް 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ހަދިޔާ ކުރެވޭނެއެވެ.
މިދިޔަ ރަމަޟާން މަހު ސަރުކާރުން ވަނީ ފެން ބިލާއި ކަރަންޓް ބިލުތަކުންވެސް ޑިސްކައުންޓް ދެއްވާފައެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ގޭބިސީއަކަށް 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދެއްވިއެވެ. މިއަހަރުވެސް މި ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.