ޚަބަރު

ލޮސް އެންޖެލީސް އަލިފާނާ އެކު ވައި ތަޣައްޔަރުވެ ޞިއްޙަތަށް ނުރައްކާ


އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން އެ ރަށުގެ ވައި ތަޣައްޔަރުވުމާ ގުޅިގެން ޢާންމު ޞިއްޙަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަން ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފިއެވެ. މި ކަމާ ގުޅިގެން އެމެރިކާގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ލޮސް އެންޖެލީސްގެ އިދާރާތަކުން ވަނީ، ޞިއްޙީ ގޮތުން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ޢާންމު ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑު ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރި 10,000އަށްވުރެ ގިނަ ގެދޮރާއި އެހެން އިމާރާތްތައް ވަނީ އަނދައި އަޅިއަށްވެފައެވެ. އަދި، މަރުވެފައިވާ މީހުންގެ އަދަދު ވަނީ 11އަށް އުފުލިފައެވެ. އަލިފާނުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޕެލިސޭޑްސްގެ އިތުރުން ސެންޓެ މޮނިކާއާއި މެލިބޫއާ ދެމެދުގައިވާ ސަރަޙައްދުތަކާއި ޕެސެޑީނާގެ އީޓަން ސަރަޙައްދު ހިމެނެއެވެ.

"
"[ވައި ތަޣައްޔަރުވުމާ ގުޅިގެން] ނޭވާލުމަކީ ދަތި ކަމަކަށްވެއްޖެ. [ގެދޮރާއި އިމާރާތްތަކުގެ] އެތެރޭގައި ތިބުން ނޫން ގޮތެއް ނެތް،"
ލޮސް އެންޖެލީސްގެ ރެސްޓޯރެންޓެއްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޑުލްޗޭ ޕެރޭޒް

އެއަރ ޕިޔުރިފަޔަރ ފަދަ އާލާތްތަކުގެ ވިޔަފާރި މައްޗަށް

ލޮސް އެންޖެލީސްގެ ޖަންގަލިތަކާއި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކުގައި ރޯވެ، އަނދަން ފެށުމާ ގުޅިގެން، ވައި ތަޣައްޔަރުވެފައިވާ ކަމުގެ އިންޒާރު ކަމާ ގުޅޭ އިދާރާތަކުން ވަނީ ކޮށްފައެވެ. އަދި، ޞިއްޙަތަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑު ކަމަށް ބުނެ ސައިންސްވެރިން ވަނީ އިންޒާރު ކޮށްފައެވެ. އެއާ އެކު، މަދަރުސާތައް ވަނީ ބަންދު ކޮށްފައެވެ. އަދި، އެތަކެއް ސަތޭކަ ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. ނަމަވެސް، އަމިއްލަ ގެދޮރުގައި އެތަކެއް ސަތޭކަ ހާސް ބަޔަކު އަދިވެސް ތިބީ ތާށިވެފައެެވެ.

މި ކަމުން ރައްކާތެރިކަން ހޯދުމަށް، ލޮސް އެންޖެލީސްގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަނީ ވައި ސާފު ކުރުމަށް ބޭނުން ކުރާނެ 'އެއަރ ޕިޔުރިފަޔަރ' ފަދަ އާލާތްތައް ގަނެ، ބޭނުން ކުރަން ފަށާފައެވެ. ފިހާރަތަކުގައި އެ ފަދަ އާލާތްތަކުގެ ވިޔަފާރި އިތުރުވެފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ބައެއް ރައްޔިތުން ދަނީ، ގެދޮރަށް ނުރައްކާތެރި އަދި ވިހަ ދުން ވަނުމުގެ ފުރުޞަތު ބަންދު ކުރުމަށް ފިޔަވަޅުތައް އަޅަމުންނެވެ. ގޭގައި ތިބުމަށް އެ ރަށުގެ އިދާރާތަކުން ވަނީ ޢާންމު ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

އަލިފާނުގައި ގެދޮރު ނެތިފައިވާ ގިނަ އަދަދެއްގެ ބަޔަކަށް ޕެސެޑީނާގައި ހުންނަ ޕެސެޑީނާ ކޮންވެންޝަން ސެންޓަރުގައި ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައިވާއިރު، އެ ތަނުގައި ދިރިއުޅެމުންދާ މީހުންނަށް 'އެން95' މަރުކާގެ މާސްކު ފޯރުކޮށްދިނުމަށް ވެސް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ކަމުގައި މަދަނީ ޖަމުޢިއްޔާތަކުން ވެސް ދަނީ ސަރުކާރުގެ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ގެދޮރު ނެތް ނިކަމެތީންގެ ފުރާނައަށް ނުރައްކާ

ވައި ތަޣައްޔަރުވުމުގެ ސަބަބުން ނޭވާލާ ނިޒާމުތައް މައްސަލަތަކަށް ހުށަހެޅިފައިވާ ގިނަ މީހުންނަކީ ގެދޮރު ނެތް ނިކަމެތީން ކަމުގައި ލޮސް އެންޖެލީސްގައި ހިންގާ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޕުރޮގުރާމެއްގެ މެނޭޖަރު ސަނީ ލީ ބުންޏެވެ. "ރައްކާތެރިކަން ހޯދުމަށް އެ މީހުން ވަންނާނެ އެއްވެސް ތަނެއް ނެތް، ބޭރުގައި ވައި ވަނީ ވަރަށް ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވެފައި، އެ މީހުންގެ އަތުގައި ރައްކާތެރިކަން ހޯދުމަށް ބޭނުން ކުރާނެ މާސްކު ފަދަ ތަކެތި ވެސް ނެތް،" ލީ ބުންޏެވެ.

ލޮސް އެންޖެލީސްގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފަށާފައި ވަނީ، ވާރޭނުވެހި ގިނަ ދުވަސްވުމާ ގުޅިގެން އާދަޔާ ޚިލާފަށް ހޫނުގަދަވެ، ޖަންގަލިތަކުން ފެން ހިނދި، ހަނަފަސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ރަށުގެ ފަސް ސަރަޙައްދެއްގައި ރޯވި އަލިފާންގަނޑުތަކާ އެކު، 13,760 ހެކްޓަރުގެ ބިމާއި، 10,000އަށްވުރެ ގިނަ ގެދޮރާއި އިމާރާތް ވަނީ އަނދައި އަޅިއަށްވެފައެވެ. ބައެއް އަވަށްތައް ވަނީ މުޅިން ސުންނާފަތިވެފައެވެ.

ކަމާ ގުޅޭ މާހިރުން ބުނީ، އަލިފާނުގެ ސަބަބުން ވައި ތަޣައްޔަރުވެފައިވާއިރު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައި ވަނީ އިމާރާތްތަކާއި، އެއްގަމު އުޅަނދުފަހަރާއި، ހިފާ ގެންގުޅޭ ސާމާނުގައި ރޯވެ، އެނދުމުން ކަމުގައެވެ. އަދި، ޕްލާސްޓިކާއި އެ ނޫން ވެސް ތަކެތީގެ ރޯވެ، އެނދުމާ ގުޅިގެން އިންސާނުންގެ ޞިއްޙަތަށް ނުރައްކާތެރި ކެމިކަލްތައް ވައިގެ ތެރެއަށް ފެތުރެމުންދާ ކަމުގައެވެ.

މި ކަމާ ގުޅޭ ދިރާސާތަކުން ފެންނަ ގޮތުގައި، އެ ފަދަ ކެމިކަލްތައް އެކުލެވޭ ވައި، އިންސާނުންގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވާސިލުވުމަކީ ހާޓް އެޓޭކް، ސްޓްރޯކް އަދި ކާޑިއެކް އެރެސްޓް ފަދަ ނުރައްކާތެރި ޞިއްޙީ މައްސަލަތަކަށް ހުށަހެޅޭ ސަބަބެކެވެ. ތިމާވެށީގެ ޞިއްޙަތާ ބެހޭ ސައިންސްވެރިން ބުނީ، ފުއްޕާމޭ އަދި ހިތުގެ ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް އޮތް ނުރައްކާ އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ. އަދި، ކުޑަކުދިންނާއި އުމޫރުންނަށް ވެސް ނުރައްކާތެރިކަން ބޮޑު ކަމުގައެވެ.