ޚަބަރު

ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ސަރުކާރުން ހަމަޖައްސާ އިންތިޒާމުތައް ހަރުދަނާކުރުމަށް މަޝްވަރާކުރައްވައިފި


  • ވަޒީރު ޝަހީމް ވަނީ ސަޢުދީގެ ޙައްޖާ ބެހޭ ވަޒީރާ ބައްދަލުކުރައްވާފައި

  • ރާއްޖެ ވަޑައިގަތުމަށް ސަޢުދީގެ ޙައްޖާބެހޭ ވަޒީރަށްވަނީ ދަޢުވަތުއަރުއްވާފައި

ދިވެހި ޙައްޖުވެރިންނަށް ސަޢުދީ ސަރުކާރުން ހަމަޖައްސާ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން ސަޢުދީ ޢަރަބިއްޔާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައްކުރައްވާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ވަޒީރު ޝަހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންގެ ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ޝަހީމްވަނީ ޙައްޖުވެރިންނަށް ހަމަޖައްސަވާދެއްވާ ފުރިހަމަ އިންތިޒާމުތަކަށް ޝުކުރުއަދާކުރައްވާފައެވެ.

މީގެ އިތުރުން އިސްލަމީ ކަންތައްތަކާ ބެހޭ ވަޒީރުވަނީ ދިވެހި ޙައްޖުވެރީންނަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށް ސަޢުދީގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޙައްޖާޖީންނަށް ހަމަޖައްސައިދޭ އިތުރު އިންތިޒާމުތައް ހަރުދަނާކުރެއްވުމަށްވެސް މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

ސަޢުދީގެ ޙައްޖާއި ޢުމްރާއާބެހޭ ވަޒީރު ޑރ. ތައުފީޤު ރަބީޢާ ވަނީ ޙައްޖާގުޅޭ ކަންކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ސަޢުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަހަރު ޙައްޖު އެގްރީމެންޓްގައި ސޮއިކުރައްވާނެއެވެ. އަދި ސަޢުދީގައި އޮންނަ ޙައްޖު މައުރަޒުގައިވެސް ވަޒީރު ބައިވެރިވެވަޑައިގަންނަވާނެއެވެ.