ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާ ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް ޔޯލް ވެރިކަމުން ދުރުކުރުމާ މެދު ގޮތެއް ނިންމުމަށް އެ ޤައުމުގެ ދުސްތޫރީ ކޯޓުގައި ފަށާފައިވާ ޝަރިޢަތުގެ ފުރަތަމަ އަޑުއެހުމުގައި އޭނާ ބައިވެރިވެޑައިނުގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފިއެވެ. ޔޫންގެ މައްޗަށް ސާބިތުވެފައި ވަނީ، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރެއްވުމުގެ ކުށުގެ ދަޢުވާއެވެ.
ޔޫނާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލީހަށް ޤަރާރެއް ހުށަހަޅަައި، ފާސްކޮށްފައި ވަނީ ޖަނަވަރީ 3ވަނަ ދުވަހު ޤައުމުގައި ކުއްލިހާލަތު އިޢުލާނު ކުރައްވަން މަސައްކަތް ކުރެއްވުމާ ގުޅިގެންނެވެ. ޤާނޫނު ހަދާ މަޖިލީހުން ނިންމާފައި ވަނީ، އެއީ ޣައިރުޤާނޫނީ އަމަލެއްގެ ގޮތުގައެވެ. އަދި، ރައީސް ކަމުގެ މަޤާމުގެ ބާރާއި ނުފޫޒު ބޭނުން ކުރައްވައިގެން ޔޫން ދުސްތޫރީ ކުށެއް ކުރައްވާފައިވާ ކަމުގައެވެ. އެ ނިންމުމާ އެކު ޤާނޫނު ހަދާ މަޖިލީހުން ވަނީ ރައީސް ކަމުގެ މަޤާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން ޔޫން ސަސްޕެންޑު ކޮށްފައެވެ.
މިިހާރު ދެކުނު ކޮރެޔާގެ ދުސްތޫރީ ކޯޓުގައި ފަށާފައިވާ ޝަރިޢަތުގެ ބޭނުމަކީ، ވެރިކަމުން ޔޫން ދުރުކުރުމާ މެދު ގޮތެއް ނިންމުމެވެ. ދެކުނު ކޮރެޔާގެ ޔޮންހެޕް ނޫހުން ބުނީ، ދުސްތޫރީ ކޯޓުގައި ފަށާފައިވާ ޝަރިޢަތުގެ ފުރަތަމަ އަޑުއެހުމުގައި ޔޫން ބައިވެރިވެވަޑައިނުގަންނަވާނެ ކަމުގައެވެ. އޭނާގެ ޤާނޫނީ ވަކީލުންނާ ޙަވާލާދީ އެ ނޫހުން ބުނީ، ޝަރިޢަތުގެ އަޑުއެހުމަށް ހާޒިރުނުވުމަށް ޔޫން ނިންމަވާފައި ވަނީ ސަލާމަތީ ސަބަބުތަކަށް ޓަކައި ކަމުގައެވެ.
"[ދެކުނު ކޮރެޔާގެ] ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރާ އިދާރާ (ސީއައިއޯ)އާއި ފުލުހުން ދަނީ ޣައިރުޤާނޫނީ ކޯޓު އަމުރެއްގެ ނިވަލުގައި ތިބެ [ޔޫން] ހައްޔަރު ކުރަން މަސައްކަތް ކުރަމުން، އެ ކަމާ ގުޅިގެން އޭނާގެ ސަލާމަތަށް ވަނީ ނުރައްކާވެފައި،" ޔޫންގެ ޤާނޫނީ ވަކީލު ޔޫން ގަބްގެން ވިދާޅުވިއެވެ. "ރައީސަށް ކޯޓުގައި ބާއްވާ އަޑުއެހުމަށް ހާޒިރު ވެވޭނީ އޭނާގެ ސަލާމަތަށް އޮތް ހުރަސްތައް ހައްލު ކުރެވުމުން."
ޔޫނާ ދެކޮޅަށް ޝަރިޢަތްތައް ފެށުމަށް ހަމަޖެހިފައި ވަނީ ޖަނަވަރީ 13ވަނަ ދުވަހުއެވެ. ޔޫން ހައްޔަރު ކުރުމަށް ސީއައިއޯއާއި ފުލުހުން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވެއެވެ. ކޯޓު އަމުރެއްގެ ދަށުން ޔޫން ހައްޔަރު ކުރުމަށް ރިޔާސީ ގަނޑުވަރަށް ސީއައިއޯގެ އޮފިޝަލުންނާއި ފުލުހުން ހާޒިރުވުމުން، ޔޫންގެ ހަށިފާރަވެރިންނާއި ރިޔާސީ ގަނޑުވަރުގައި ތިބި ސިފައިން ވަނީ އެ ކަމަށް ހުރަސް އަޅާފައެވެ. އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ޔޫނަށް ތާޢީދު ކުރާ ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ރިޔާސީ ގަނޑުވަރި ކައިރިއަށް އެއްވެފައެވެ.
ސީއައިއޯން ޤަބޫލު ކުރާ ގޮތުގައި، ޑިސެންބަރު 3ވަނަ ދުވަހު ޔޫން ކުއްލި ޙާލަތު އިޢުލާނު ކުރައްވާފައި ވަނީ ދެކުނު ކޮރެޔާގެ ޤާނޫނީ ބާރުވެރިކަން ނެތިކޮށްލުމުގެ ނިޔަތުގައެވެ. އަދި، އެ ކަމާ ގުޅޭ ފުރިހަމަ ތަޙުޤީޤެއް އެ އިދާރާއިން މިހާރު ދަނީ ކުރަމުންނެވެ. ޔޫންގެ ޤާނޫނީ ވަކީލުން ޤަބޫލު ކުރާ ގޮތުގައި، ސީއައިއޯން މިހާރު ވެސް ދަނީ ޔޫން ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.
މިއީ، ދެކުނު ކޮރެޔާގެ ތާރީޚުގައި، ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު ހައްޔަރު ކުރުމަށް އަމުރެއް ނެރެ، އެ އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކޮށްފައިވާ ފުރަތަމަ ފަހަރެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރުމަށް އެދި ހުށަހެޅީ، ސީއައިއޯގެ ތަޙުޤީޤީ އޮފިޝަލުންނާ ބައްދަލު ކުރައްވައި، އެ އިދާރާގެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަންނަވަން ޔޫން ދެކޮޅު ހައްދަވަމުން ގެންދަވާތީއެވެ.
ދެކުނު ކޮރެޔާގެ ޤާނޫނުގައިވާ ގޮތުން، ދައުލަތާއި ޤާނޫނީ ސަރުކާރާ ދެކޮޅަށް ތެދުވެ، ޙަރަކާތެއް ހިންގުމަކީ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކަށް ވެސް ބަރިއްޔަނުވެވޭނެ ފަދަ ދުސްތޫރީ ކުށެކެވެ. ނަމަވެސް، ޔޫނާ ދެކޮޅަށް ކުރަމުންދާ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ. ޔޫންގެ ޤާނޫނީ ވަކީލުން ބުނީ، އޭނާ ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައި ވަނީ އިންސާފުން ބޭރުން ކަމުގައެވެ. އަދި، އޭނާއާ ދެކޮޅަށް ތަޙުޤީޤެއް ހިންގުމުގެ ބާރު ސީއައިއޯއަށް ލިބިގެންވާ ކަމަށް ޤަބޫލު ނުކުރާ ކަމުގައެެވެ.
ޑިސެންބަރު 3ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނު ކުރެއްވުމަށް ފަހު، ޤާނޫނުހަދާ މަޖިލީހާއި ޢާންމުންގެ ފަރާތުން ކުރިމަތިވި ނުރުހުމާއި ފިއްތުންތަކާ ގުޅިގެން މަޑު ގަޑިއިރުތަކެއްގެ ތެރޭގައި ޔޫން ވަނީ އެ ނިންމުން ބާޠިލު ކުރައްވާފައެވެ. ނަމަވެސް، ކުއްލިހާލަތުގެ އަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ޤާނޫނު ހަދާ މަޖިލީހަށް ސިފައިން ފޮނުވާފައެވެ. އަދި، އޭނާއާ ދެކޮޅަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށް މަސައްކަތް ކުރުމުން އެ ކަން ހުއްޓުވަން ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ޤާނޫނުހަދާ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ހަތިޔާރު އެޅި ސިފައިން ވަނުމާ ގުޅިގެން، ސިފައިންނާއި މަޖިލީހުގެ މުވައްޒަފުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގިއެވެ.
ދެކުނު ކޮރެޔާއަކީ 1980ގެ އަހަރުތަކަށް ފަހު ޑިމޮކްރެޓިކް ވެރިކަމެއް ކުރަމުން އަންނަ ޤައުމެކެވެ. ދެކުނު ކޮރެޔާގައި ކުއްލި ޙާލަތު އިޢުލާނު ކުރުން ވެގެންދިޔައީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި އެ ޤައުމުގެ އެކުވެރިންނަށް ވެސް ސިހުން ގެނުވި އަމަލަކަށެވެ. އޭގެ ތެރޭގައި، އެ ޤައުމުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބެލެވޭ އެމެރިކާ ވެސް ހިމެނެއެވެ.