ޤާނޫނުތައް ބުނާގޮތުން، ރާއްޖޭގެ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިއެއް ހުސްވެއްޖެނަމަ އެ ގޮނޑިއަކަށް އަލުން މެންބަރަކު އިންތިޚާބު ކުރުމަށް ބައި-އިލެކްޝަނެއް ބާއްވަންޖެހެއެވެ. ނަމަވެސް ބައި-އިލެކްޝަންތަކުގައި، ޚާއްސަކޮށް އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ ތަރުހީބާއި ކުރިމަތިލާ މީހުންގެ ތަރުހީބުވެސް ކުޑަވުމަކީ މި އިންތިޚާބުތައް އިންތިޒާމް ކުރާ އިލެކްޝަންސް ކޮމިޝަންގެވެސް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
އިންތިޚާބުތައް ބާއްވަނީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ރައްޔިތުންގެ ކަންކަމުގައި ގޮތް ނިންމަން ރައްޔިތުން ބޭނުންވާ މީހަކު ހޮވުމުގެ ފުރުސަތު އެ ރައްޔިތުންނަށް ދިނުމަށެވެ. ނަމަވެސް އިންތިޚާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ނެތުމަކީ ރައްޔިތުންގެ އަތުން އެ ފުރުސަތު ގެއްލިގެންދާ ކަމެކެވެ. ރައްޔިތުންގެ ކަންކަން ނިންމުމުގައި އިންތިޚާބުވަނީ ރައްޔިތުންގެ ތާޢީދު އޮތްކަންވެސް ކަށަވަރު ނުވާ މީހެކެވެ.
ބައި-އިލެކްޝަންތަކަށް ޝައުގުވެރިކަން މަދުވުމުން ޤާނޫނުތަކަށްވެސް މިދިޔަ އަހަރު ވަނީ އިސްލާހުތައް ގެނެސްފައެވެ. މި އިސްލާހުތަކާއެކު އިލެކްޝަންސް ކޮމިޝަނުން މިއަހަރު ބާއްވާ ފުރަތަމަ ބައި-އިލެކްޝަންގައި 33 ގޮނޑިއަކަށް މެންބަރުން އިންތިޚާބުކުރުމަށް އިއުލާންކުރިއެވެ. އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 28 ގޮނޑިއާއި ކައުންސިލުތަކުގެ 5 ގޮނޑިއެވެ.
މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލި މުއްދަތު ހަމަވިއިރު އިންތިޚާބު ބާއްވަން ޖެހިފައިމިވަނީ އެންމެ 11 ދާއިރާއެއްގެއެވެ. އެއީ އަންހެންގެ ކޮމިޓީގެ 10 ގޮނޑިއާއި ކައުންސިލްގެ އެއް ގޮނޑީގެ އިންތިޚާބެވެ. އިތުރަށް އިއުލާންކުރި 22 ގޮނޑިއަށް އިންތިޚާބަކާ ނުލައި މެންބަރުން ވަނީ ހޮވިފައެވެ.
އާންމުގޮތެއްގައި އަންހެނުންގެ ކޮމިޓީތަކަށް ތަރުހީބު ކުޑަނަމަވެސް ކައުންސިލްތަކުގެ ގޮނޑިތަކަށް ވާދަވެރިކަން ބޮޑެވެ. ނަމަވެސް މި ބައި-އިލެކްޝަންގައި ރ. ފައިނު ކައުންސިލްގެ ރައީސާއި ހދ. އަތޮޅު ކައުންސިލް ރައީސްގެ މަގާމަށްވެސް ވާދަކުރާނެ މީހަކު ނުވިއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުންވެސް ލަފާކުރި އަދަދަށްވުރެ ކުޑަ ތަރުހީބެއް ކަމަށް އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިއުލާންކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށްވެސް. މިއީ ރާއްޖޭގެ ނިސްބަތުން 3ވަނައަށް އެންމެ އާބާދީ ބޮޑު އަތޮޅު އިދާރީ ދާއިރާތަކަށް ބަލާއިރު. އެހެންނަމަވެސް ހދ. އަތޮޅު ރައީސްގެ މަގާމުވެސް އެދިޔައީ އޮޓޯ އިލެކްޓަކަށް. އެންމެ ޕާޓީއަކުން އެންމެ ކެންޑިޑޭޓަކު ކުރިމަތިލުމުން އިންތިޚާބަކާ ނުލައި ގޮނޑި ލިބިފައި އެވަނީ. އެހެންވީމަ ޖުމްލަކޮށް ދަންނަވާނަމަ މިފަހަރުގެ ބައި އިލެކްޝަނަށް ތަރުހީބު ކުޑަ،" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
ހަސަން ޒަކަރިއްޔާ ވިދާޅުވީ މިފަހަރުގެ ބައި-އިލެކްޝަނަށް ސިޔާސީ ޕާޓީތަކުގެ ތަރުހީބުވެސް ކުޑަކަން ފާހަގަކުރެވިފައިވާ ކަމަށާއި ކުރިމަތިލުމުގެ މުއްދަތު ޗުއްޓީއާ ދިމާވުމަކީ ސަބަބަކަށްވުން އެކަށީގެންވާ ކަމަށެވެ.
ރާއްޖޭގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ 5 ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެއީ ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިތުރުން އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމް.ޑީ.އޭ)އެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި މުއްދަތުގައި ހުރިހާ ގޮނޑިއަކަށް ވާދަކުރީ ޕީއެންސީން އެކަންޏެވެ. އެއް ކެންޑިޑޭޓަކު ކުރިމަތިލުމުގެ ސަބަބުން ގޮނޑިތައް ކަށަވަރުވެފައިވަނީވެސް ޕީއެންސީ ކެންޑިޑޭޓުންނަށެވެ.
ބައި-އިލެކްޝަނެއް ނަމަވެސް މި އިންތިޚާބުތަކަކީ ރައްޔިތުންގެ މަންދޫބުން ހޮވުމަށް ބާއްވާ އިންތިޚާބުތަކެކެވެ. އެހެންވެ، އެ އިންތިޚާބުތަކުގައިވެސް ވާދަކޮށް، ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ޕާޓީތަކުންވެސް މަސައްކަތް ކުރަންޖެހެއެވެ. ބައި-އިލެކްޝަންތަކަށް ތަރުހީބު ނުލިބޭނަމަ އިންތިޚާބުގައި ހޮވޭ މެންބަރަކު އިސްތިއުފާ ދިނުމުން ނުވަތަ އެ ނޫން ހާލަތަކުން ގޮނޑި ހުސްވެއްޖެނަމަ ދެވަނައަށް އެންމެ ގިނަ ވޯޓު ހޯދި މެންބަރު އައްޔަން ކުރުމަކީވެސް ރައްޔިތުންގެ އަޑު މިއަށްވުރެ ރަނގަޅަށް އިއްވޭނެ ގޮތެކެވެ.