ކުޅިވަރު

މޮޑްރިޗް ރުއްސަން ރެއާލްގެ ރައީސް: އަހަރުމެންވެސް ބަލިވާން ވެއްޖެއެއްނު!


ސްޕެނިޝް ސުޕަ ކަޕް ފުޓްބޯޅަ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި އެންމެ އަޅައިގަތީ ރެއާލް މެޑްރިޑްގެ ރައީސް އެކުލަބުގެ ކެޕްޓަން ލޫކާ މޮޑްރިޗް ދެރަވެފައިހުރުމުން އޭނާ ރުއްސަން ދެއްކި ވާހަކައެވެ.

ބާސެލޯނާ އަތުން 5-2އިން ބަލިވި މެޗަށް ފަހު މޮޑްރިޗަކީ ރެއާލްގެ ކުޅުންތެރިންގެ ތެރެއިން އެންމެ ފަހުން ސްޓޭޖަށް އެރި ކުޅުންތެރިޔާ އެވެ. ދެ ވަނަ ޓީމުގެ އިނާމް ލިބިގަތުމުގެ ކުރިން ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ރެއާލްގެ ރައީސް ޕެރޭޒާ އޭނާ ސަލާމްކުރި އެވެ. އެވަގުތު ކެޕްޓަންގެ މޫނުމަތިން ފެންނަމުންދިޔަ މާޔޫސްކަމާހުރެ ޕެރޭޒް އޭނާ ހަމަޖައްސަން މަސައްކަތް ކުރި އެވެ.

"
އަހަރުމެން ފައިނަލެއްގައި ކޮންމެ ވެސް ހިސާބަކުން ބަލިވާންޖެހޭނެ. އެހެންނު؟
ރެއާލްގެ ރައީސް ޕެރޭޒް

އޭނާ އިޝާރާތްކުރީ ރެއާލް މެޑްރިޑް ކުޅުނު ގިނަ ފައިނަލްތަކުން މޮޅުވެފައިވާތީ އެކަމަށެވެ. އަދި ލޫކާ މޮޑްރިޗަކީ 2012 ވަނަ އަހަރުން ފެށިގެން ރެއާލް އަށް ކުޅެ މިހާތަނަށް 22 ތަށި ހޯދާފައިވާ ކުޅުންތެރިއެކެވެ.

ކްރޮއޭޝިޔާގެ ކެޕްޓަން މޮޑްރިޗް މެޗަށް ފަހު ބުނީ ފައިނަލެއްގައި ބަލިވާނެމަ އެކަމަށް އެންމެ ރަނގަޅު މުބާރާތަކީ ސުޕަ ކަޕް ކަމަށެވެ. މީގެ މާނައަކީ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވެއްޖެނަމަ އޭނާ މާދެރަވާނެ ކަމެވެ.

"
މިއީ ފުޓްބޯޅަ. ދެން ފުޓްބޯޅައިގައި އޮންނާނީ މޮޅާއި ދެރަ. މި ފަހަރު ބަލިމިވީ އަހަރުމެން. ބަލިވުމަކީ އެހާ ރީތި ކަމެއްނޫން. އެކަމަކު ވަކި ފައިނަލުން ބަލިވާންޖެހޭނަމަ އަހަރެން ނަގާނީ އެކަމަށް ސުޕަކަޕް ފައިނަލް. އަހަރުމެން ޖެހޭ ބާސެލޯނާ އަށް މަރުހަބާ ކިޔަން. ސަބަބަކީ މި މެޗުގައި މޮޅީ އެމީހުން،
ލޫކާ މޮޑްރިޗް

ސުޕަކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ބާސެލޯނާ އެވެ. މިއީ އެ ޓީމުން މި ތަށި ހޯދި 15 ވަނަ ފަހަރެވެ. ރެއާލް އަކީ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމެވެ. 18 ފަހަރު ފައިނަލް ކުޅެ 15 ފަހަރު ވަނީ ތަށި ހޯދައިފަ އެވެ.