ޚަބަރު

ޣައްޒާގެ އުތުރު ފަޅުކޮށްލައި، 5,000އަަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ނުވަތަ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން ގެއްލިފައިވާ މީހުންގެ އަދަދު 5,000އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ހާމަވެއްޖެއެވެ. ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ކޮށްލާފައިވާ ކަން ކަށަވަރު ކުރެވިފައިވާ މީހުންގެ އަދަދު ވަނީ 46,000އަށްވުރެ މައްޗަށް އުފުލިފައެވެ.

ޔަހޫދީ ފައުޖުން ޣައްޒާގައި ޢުދުވާން ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާން ފަށާފައި ވަނީ އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް ނައްތައިލުމުގެ ނަމުގައެވެ. ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލުމަށް ޢުދުވާނީ ޙަމަލާތައް ފަށާފައި ވަނީ، އެ ދުވަހު ޙަމާސްގެ މުޖާހިދުން ޒަޔަނިސްޓުންނަށް އަމާޒުކޮށް ޖިހާދީ ޙަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެއީ، ޔަހޫދީންގެ އަޅުވެތިކަމާއި އިސްތިޢުމާރީ ވެރިކަމަށް ކެތް ނުކުރެވިގެން ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާއެކެވެ.

އެ ޢުދުވާނުގެ ދަށުން މި ވަގުތު އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދެމުން ދަނީ ޣައްޒާގެ އުތުރުގައިވާ ރަށްތަކަށެވެ. ޖަބާލިޔާ ރެފިއުޖީ ކޭމްޕާއި، ބަޔިތު ލާޙިޔާ އަދި ބަޔިތު ހާނޫނަށެވެ. އެ ރަށްތައް ސުންނާފަތި ކޮށްލުމަށް ނިރުބަވެރި ޙަމަލާތަކެއް ދޭން ފަށާފައި ވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުއެވެ. އެ ޢުދުވާނުގެ އަމާޒަކީ، ޣައްޒާގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ގެދޮރުން ނެރެ، އެ ސަރަޙައްދު ހުސް ކުރުމެވެ. އަދި، އެ ސަރަޙައްދަށް އަތްގަދަ ކުރުމެވެ.

ޣައްޒާގެ ޞިއްޙީ ޚިދުމަތްތެރިން ބުނީ، އެ ސަހަރުގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުން ގޮސްފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ނުވަތަ ގެއްލިފައިވާ މީހުންގެ އަދަދު 5,000އަށްވުރެ މަތިވާނެ ކަމުގައެވެ. އަދި 9,700އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ.

މިއީ، ޣައްޒާގެ މުސްލިމުންގެ ނަސްލު ފޮހެލުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ އެންމެ ބިރުވެރި، އަދި ނުރައްކާތެރި ޢުދުވާނުގެ ގޮތުގައި ޣައްޒާގެ ސަރުކާރުގެ މީޑިޔާ އޮފީހުން ސިފަކުރިއެވެ. އެ ޙަމަލާތަކުގައި އެތަކެއް ސަތޭކަ ހާސް ބަޔެއްގެ ގެދޮރު ނެތި ކޮށްލާފައިވާ ކަމަށާއި، ނިކަމެތި ކޮށްލާފައިވާ ކަމުގައި ވެސް އެ އޮފީހުން ހާމަކުރިއެވެ.

ޣައްޒާގެ އުތުރުގެ ރަށްތައް ފަޅުކޮށްލުން

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ޣައްޒާގެ އުތުރުގައިވާ ރަށްތައް ފަޅު ކޮށްލާފައިވާ ކަމުގައެވެ. ނަމަވެސް، އަދިވެސް ބައެއް ރައްޔިތުން އެ މީހުންގެ ގެދޮރުގައި ދިރިއުޅެމުންދާ ކަމުގައި ވެސް އެ ފަރާތްތަކުން ބުންޏެވެ. ޔަހޫދީ ފައުޖުން ދަނީ، އެ މީހުންގެ ގެދޮރާއި މަދަރުސާތަކާއި ވަގުތީ ހިޔާތަކުގެ އިތުރުން ހަސްފަތާލުތަކާއި ފޭލިގެ ކޭމްޕުތަކަށް ވެސް މެދުކެނޑުމެއް ނެތި ނިރުބަވެރި، އަދި ފަނާކުރަނިވި ޙަމަލާތައް އަމާޒު ކުރަމުންނެވެ.

ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ރޭޑުޖަހައި، ހުޅުޖަހައި ސުންނާފަތި ކޮށްލާފައިވާ އެއް އިމާރާތަކީ ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް ޢަދްވާން ހަސްފަތާލެވެ. އެ ތަން ސުންނާފަތި ކޮށްލާފައި ވަނީ ހުސްވި އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ދެމުންދާ ނިރުބަވެރި ޙަމަލާތަކުގައެވެ. ރޭޑުޖަހައި، އެ ހަސްފަތާލުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ޞިއްޙީ ޚިދުމަތްތެރިން ޔަހޫދީންގެ ހައްޔަރަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި އެ ހަސްފަތާލުގެ ވެރިޔާ ޙުސާމް އަބޫ ޞަފިއްޔާ ވެސް ހިމެނެއެވެ. ހައްޔަރު ކޮށްގެން ގެންދިޔަ ފަހުން އޭނާގެ ޚަބަރެއް ނުވެއެވެ.

ޣައްޒާގެ އުތުރުގެ ސަރަޙައްދުތައް ހުސްކުރުމަށް ފަހު، އެ ސަރަޙައްދުގައި ގެދޮރު ބިނާކޮށް، ޔަހޫދީން ވަޒަންވެރި ކުރުވުމާ ގުޅޭ ގޮތުން ޒަޔަނިސްޓު ސަރުކާރުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު މަޝްވަރާތައް ކުރަމުންދާ މި ދަނޑިވަޅުގައި ވެސް ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އިތުރުގެ ރަށްތަކަށް ދެމުންދާ ޙަމަލާތައް އިތުރު ކުރަމުންނެވެ.

މަންޒަރު ފެނުނު މީހުން ބުނީ، ޣައްޒާގެ އުތުރުގައި އޮތް މުޚާބަރާތަަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާތަކެއްގައި ފަލަސްޠީނުގެ ދެ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެއަށްފަހު، އަސްކަރީ ޑްރޯންތަކެއް ބޭނުންކޮށް އަލް-ޝާޠިޢު ރެފިއުޖީ ކޭމްޕަށް ޙަމަލާދީ، ޒުވާނަކު ޝަހީދު ކޮށްލާފައިވެއެވެ.

ފާއިތުވި 12 ވަރަކަށް ގަޑިއިރުގެ ތެރޭގައި އެންމެ ނުރައްކާތެރި ޙަމަލާތަކެއް ދީފައި ވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީއަށެވެ. އަދި، ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުރި މަދަރުސާއަކަށް ބޮންއަޅައި އަށް މީހުން ޝަހީދު ކޮށްލިއެވެ. އެ މަދަރުސާއަކީ، ޢުދުވާނީ ޙަމަލާތަކުގައި ގެދޮރު ނެތިކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔަކު ވަގުތީ ހިޔާއެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ އިމާރާތެކެވެ. ފާއިތުވި ފަސް ވަރަކަށް ދުވަހުގެ ތެރޭގައި ޣައްޒާގެ އުތުރުން 70އަށްވުރެ ގިނަ ކުޑަކުދިން ޝަހީދު ކޮށްލާފައިވާ ކަމުގައި އެ ސަހަރުގެ މަދަނީ ސަލާމަތާ ބެހޭ އިދާރާއިން ހާމަކުރިއެވެ.

ޣައްޒާ ޢުދުވާން އެހެން ސަރަޙައްދުތަކަށް ފުޅާކުރުން

ޔަހޫދީ ފައުޖުން މި ވަގުތު ދަނީ ޣައްޒާގެ މެދުތެރޭގައި އޮތް އަލް-ބުރަޔިޖު ރެފިއުޖީ ކޭމްޕާއި އުތުރުގައި އޮންނަ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ޙަމަލާތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަޙައްދުތައް ހުސް ކުރަން އަމުރު ކޮށްފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. އަދި، އެ ސަރަޙައްދުތައް ހުސް ކުރަން ދެކޮޅު ހަދާ މީހުން ޝަހީދު ކޮށްލާނެ ކަމަށް ބުނެ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ވަނީ އިންޒާރު ދީފައެވެ.

ޣައްޒާ ޢުދުވާން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ، ޢުދުވާނަށް ނިމުމެއް ގެނައުމާ ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މަޝްވަރާތަކުގައި، ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު މެދުވެރިންގެ ގޮތުގައި ހަރަކާތްތެރި ވަނީ މިޞްރާއި ޤަޠަރުންނެވެ. ޔަހޫދީން ތަމްސީލު ކުރަނީ އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއިންނެވެ. މި ހަފުތާގެ ތެރޭގައި ޤަޠަރުގެ ވެރިރަށް ދަވްޙާގައި އިތުރު ބައްދަލުވުންތަކެއް ބޭއްވުމަށް އެ ޤައުމުން ދަނީ ތައްޔާރުވަމުންނެވެ.

މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޖޯ ބައިޑަން ދާދި ފަހުން ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވާފައެވެ. އޭނާގެ އަމާޒަކީ، ޖަނަވަރީ 20ވަނަ ދުވަހު އޭނާގެ ވެރިކަން ނިމުމަކަށް އައުމުގެ ކުރިން މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދައިދިނުމެވެ. އަދި، ޙަމާސްގެ މުޖާހިދުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އެ ޖަމާޢަަތަށް ބާރު އެޅުމެވެ.

ބައިޑަންގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ، ޔަހޫދީންނާއި ޙަމާސާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައެވެ. އަދި، ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމެއްގައި ސޮއި ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ނަމަވެސް، އަދިވެސް ދެ ފަރާތުގެ މެދުގައި ޚިޔާލުތަފާތުވުންތައް ހުރި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 46,565އަށް އުފުލިފައެެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނޭއިރު, އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ޣައްޒާގެ އޮފިޝަލުން ޤަބޫލު ކުރެއެވެ. ޣައްޒާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ވަނީ 109,660 މީހުން ޒަޚަމު ކޮށްލާފައެވެ.