ޚަބަރު

ނޮޓިންހަމް ފޮރެސްޓަށް ޕްރިމިއަރ ލީގު ކާމިޔާބުކުރެވިދާނެތަ؟


މި ސީޒަނުގައި ނޮޓިންހަމް ފޮރެސްޓުން ހޯދަމުންދާ ނަތީޖާތަކާއެކު އެ ޓީމަކީ މި ސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގު ހޯދޭ ފެންވަރުގެ ޓީމެއް ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ބުނެފިއެވެ.

ލީގުގައި މިއަދު ލިވަޕޫލް އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅޭއިރު މި ސީޒަނުގައި ލިވަޕޫލް ބަލިކުރި ހަމައެކަނި ޓީމަކީ ނޫނޯ އެސްޕިރިޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ނޮޓިންހަމް ފޮރެސްޓެވެ. އެ މެޗުން ލިވަޕޫލް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

2016 ވަނަ އަހަރުގެ ޕްރިމިއާ ލީގު މުޅި ދުނިޔެ ސިއްސުވާލުމަށްފަހު ލެސްޓަރ ސިޓީ އިން ކާމިޔާބު ކުރިއިރު ލެސްޓަރ އިން ހޯދާފައިވާ ނަތީޖާތަކަށްވުރެ ރަގަޅު ނަތީޖާތަކެއް ނޮޓިންހަމް ފޮރެސްޓުން ދަނީ ހޯދަމުންނެވެ.

އެގޮތުން އެ ޓީމުން ވަނީ މި ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ރަގަޅު ޑިފެންސެއް އޮތް ތިން ޓީމުގެ ތެރޭގައި ހިމެނިފަ އެވެ. އަދި ބައިކޮޅަށް ލަނޑެއް ވަނަނުދީ އެންމެ ގިނަ ކްލީން ޝީޓް އޮތް ޓިމަކީ ފޮރެސްޓެވެ. މީގެ އިތުރުން މިއަދު ލިވަޕޫލް އާއި ދެކޮޅަށް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ޕްރިމިއާ ލީގުގެ ތާރީޚުގައި އެ ޓީމު ޖެހިޖެހިގެން ހަތް މެޗުން މޮޅުވެ 1922 ވަނަ އަހަރު އެ ޓީމުން ހޯދާފައިވާ ކާމިޔާބީ އާއި އެއްވަރުކުރެވޭނެ އެވެ.

ނޮޓިންހަމް ފޮރެސްޓް އިން މިދިޔަ ސީޒަނުގައި ގިނަ ކަންތައްތަކަކާއި ކުރިމަތިވެފައިވާއިރު ރެލިގޭޓް ނުވެ ސަލާމަތް ވެފައިވަނީ އެންމެ ފަހު ދުވަހު ކުޅުނު މެޗުންނެވެ. އަދި މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި ޚިލާފުވެފައިވާތީ އެކްލަބަށް އަދަބު ދީ ހަތަރު ޕޮއިންޓްވެސް ވަނީ މިދިޔަ ސީޒަނުގައި އުނިކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާއި ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް 2016 ވަނަ އަހަރު ލެސްޓަރ ސިޓީ އިން ޕްރިމިއާ ލީގު ހޯދިއިރު ލީގުގެ 20 މެޗު ނިމުނުއިރު ލެސްޓަރ އަށް ވެސް އޭރު ލިބިފައިވަނި 40 ޕޮއިންޓެވެ. އެއީ މިހާރު ނޮޓިންހަމް ފޮރެސްޓަށްވެސް 20 މެޗުން ލިބިފައިވާ އަދަދެވެ.

ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އިން މި ސީޒަނުގައި ކުޅޭ ސްޓައިލަށް ބަލާއިރު އެ ޓީމަކީ ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުޅެ ކައުންޓަރ އެޓޭކުތަކުގައި އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ކުރާ ބައެއްގެ ގޮތުގައިވަނީ ފާހަގަ ކުރެވިފައެވެ. އަދި އެ ގޮތުން ކުޅޭއިރު ލީގުގައި މިހާތަނަށް 12 ލަނޑު ޖަހާފައިވާ ކްރިސް ވުޑްގެ އިތުރުން ޗެލްސީގެ ކުރީގެ ފޯވަޑް ކަލަމް ހަޑްސަން އޮޑޮއި އާއި އެންތޮނީ އެލަންގާގެ ކުޅުން ފާހަގަ ކުރެވެއެވެ.

ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލްގައި ތިބި ކުޅުންތެރިންނަކީ ނޮޓިންހަމް ފޮރެސްޓްގައި ތިބި ކުޅުންތެރިންނާއި އަޅާބަލާއިރު ތަޖުރިބާގެ ގޮތުންނައި އެހެން ގޮތްގޮތުންވެސް ތަފާތު ކުޅުންތެރިން ތަކެކެވެ.