ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށްއޮތް 24 ގަޑިއިރު، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށާއި ދެކުނާއި މެދުރާއްޖެތެރެއަށް 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވެފައި ދެން ހުރި ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަވާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މޫސުން ގޯސްވެފައިވަނީ ރާއްޖެއާ ކައިރި ހިސާބެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ކޮޅިގަނޑާ ގުޅުންހުރި ވިއްސާރަ ވިލާތައް ރާއްޖޭގެ ސަރަހައްދަށް މަޑުމަޑުން މިހާރު އަރަމުންދާ ކަމަށެވެ.
އިއްޔެވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނީ ލ. މާވަށަށެވެ. އެއީ 37.5 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައި ވެހުނު ލ. ކައްދޫއަށް 28.6 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މިދިޔަ 24 ގަޑިއިރު މާލެއަށް ވެހުނީ 8.3 ގެ ވާރޭއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ މިމަހުގެ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭއަށް މޫސުން ގޯސްވާނެ ކަމަށެވެ.