ހުޅުމާލޭގައި ކަރަންޓު ޚިދުމަތް ދިނުމަށް ބަހައްޓާފައިވާ ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވަން އުޅުމުން ސްޓެލްކޯ މުވައްޒަފަކަށް ހަމަލާ ދީ މާރާމާރި ހިންގައިފިއެވެ.
ހުޅުމާލެ ފޭސް 2 ގައި ހިންގި މި ހަދިސާގައި އެމީހާ އަތުލައިގަނެފައިވަނީ މިރޭ 9:00 ޖަހައި އެހާކަންހާއިރުކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. މިހާދިސާއާއި ގުޅިގެން ވައްކަން ކުރަން އުޅުނު މީހާ ސްޓެލްކޯ މުވައްޒަފުން ވަނީ އަތުލައިގަނެ ފުލުހުންނާއި ހަވާލުކޮށްފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު އަތުލައިގަނެފައިވާ ކަމަށެވެ. ފަހުމީ ވިދާޅުވީ އެމީހާ ހުއްޓުވުމަށް އެތަނަށް ދިޔަ މުވައްޒަފަކަށް ހަމަލާދީ މާރާމަރީ ހިންގި ކަމަށެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ނުލިބޭކަމަށާއި ލިބުނު ކުދި އަނިޔާތަކަށް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.
ހުޅުމާލޭގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ އޭގެން ވައްކަން ކުރަން އުޅުނު މީހަކު މި ކުންފުނީގެ މުވައްޒަފުން ވަނީ އަތުލައިގަނެފައި. އަދި މި މީހާ ވަނީ އެތަނަށް އެޓެންޑްވި މުވައްޒަފުގެ ގައިގައި ރެންޗަކުން ޖަހާ މާރާމާރީ ހިންގާފައި. ޓްރާންސްފޯމަރަށް ގެއްލުންދިނުމާއި ގުޅިގެން ހުޅުމާލޭ… pic.twitter.com/JrBLyD0xXt
— Hussain Fahmy (@HussainFahmy09) January 14, 2025
މިހާދިސާގައި ޓްރާންސްފޯމަރަށް ގެއްލުން ލިބުމުގެ ސަބަބުން އެމްޕީއެލް ޓަވަރުތަކުން ކަރަނޓު ޚިދުމަތް މެދުކެނޑިފައިވާކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. މިއާއެކު ކަރަންޓު ޚިދުމަތް އަލުން ދިނުމުގެ މަސައްކަތް މިހާރު ބާރަށް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރުތަކަށް މީގެކުރިންވެސް ވަނީ ގެއްލުން ދީފައެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު، ސްޓެލްކޯގެ ޓްރާންސްފޯމަރަކާއި ދިމާލަށް ބަހައްޓާފައި ހުރި ސީސީޓީވީ އަށް ގެއްލުންދޭން މަސައްކަތްކޮށް ކެމެރާ ގުޅާފައި ހުރި ފައިބަރ އޮޕްޓިކް ކޭބަލް ކަނޑަން މަސައްކަތްކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.
އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ފަހުމީ ވަނީ މިފަދަ ކަންކަން ބަލައިނުގަނެވޭކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނީގެ ޓްރާންސްފޯމަރުތައް ބަހައްޓާފައި ހުންނަ ސަރަހައްދުތަކަކީ އާންމުކޮށް ސަލަމާތާއި ރައްކާތެރިކަން ވަރުގަދަކޮށް ހުންނަ ތަންތަން ކަމަށެވެ.