ކުޅިވަރު

ފަހު ވަގުތު ޖޭމްސް ޖެހި ލަނޑާއެކު ޗެލްސީއަށް ޕޮއިންޓެއް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް ކާމިޔާބުކޮށްދިން ލަނޑާއެކު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެއްޖެއެވެ.

މި މެޗު އެއްވަރުވެފައިވާއިރު, ޗެލްސީއަށް 21 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވަނީ 47 ޕޮއިންޓް ލިބިފައެވެ. އަދި ބޯންމަތު ތާވަލުގެ ހަތްވަނައިގައި އޮތްއިރު، އެ ޓީމަށް ވަނީ 34 ޕޮއިންޓް ލިބިފައެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި ޗެލްސީގެ ކޯލް ޕާމާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދަދީފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ބޯންމަތުގެ ސެމެންޔޯއަށް ޗެލްސީގެ އޭރިއާ ތެރެއިން ކައިސޭޑޯ ކުރި ފައުލަކާއި ގުޅިގެން ރެފުރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އަދި މި ޕެނަލްޓީން ޖަސްޓިން ކްލައިވަޓް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކުރުމާއެކު، ޗެލްސީގެ ކޮންޓްރޯލް ގެއްލިގެންދިޔަތަން ވަނީ ފެނިގެން ގޮސްފައެވެ.

މި މެޗުގެ ނަތީޖާ އެއްވަރުވެފައިވަނިކޮށް ޗެލްސީގެ މާކް ކުކުރެޔާއަށް ބޯންމަތުގެ ޑޭވިޑް ބްރޫކްސް ކުޅުމުން ބޭރުގައި ހެދި ގޯހަކާއި ގުޅިގެން ރަތް ކާޑެއް ދެއްކުމަށް ޗެލްސީގެ ކުޅުންތެރިންނާއި އޮފިޝަލުން އެޕީލް ކުރި ނަމަވެސް، ވީޑިއޯ ބެލުމަށްފަހު ރެފުރީ ވަނީ އޭނާއަށް ރަތް ކާޑުގެ ބަދަލުގައި ރީނދޫ ކާޑެއް ދައްކާފައެވެ.

އަދި މެޗުގެ 68 ވަނަ މިނިޓުގައި ސެމެންޔޯ ވަނީ ލަނޑެއް ޖަހައި މި މެޗުގައި ފުރަތަމަ ފަހަރަށް ބޯންމަތަށް ކުރި ހޯދަދީފައެވެ. މި މެޗުގައި ޗެލްސީން އެއްވަރުކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައި ޓީމުގެ ކެޕްޓަން ޖޭމްސްއެވެ.

ޕްރިމިއަރ ލީގުގެ މި ސީޒަނުގައި މިހާތަނަށް ޗެލްސީން 21 މެޗު ކުޅެފައިވާއިރު، ޖޭމްސްއަށް ކުޅެވިފައިވަނީ އެންމެ ފަސް މެޗުގައެވެ.