ޚަބަރު

ޝައިޚް ޙަސީނާގެ ޚިޔާނާތުގެ މައްސަލަތަކުގައި ބެދި އިނގިރޭސިވިލާތުގެ ޓްރެޜަރީ ވަޒީރު އިސްތިޢުފާ ދެއްވައިފި


އިނގިރޭސިވިލާތުގެ ޓްރެޜަރީ ވަޒީރު ޓިޔުލިޕް ސިއްދީޤު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ޓިޔުލިޕަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ބޮޑުދައިތަކިޔާ ބޭފުޅެކެވެ. އޭނާ މަޤާމުން އިސްތިޢުފާ ދީފައި މި ވަނީ ޙަސީނާއާ ދެކޮޅަށް ބަންގްލަދޭޝްގައި ބަލަމުންދާ ޚިޔާނާތުގެ މައްސަލަތަކެއްގައި ޓިޔުލިޕްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަމުންދާ ދަނޑިވަޅެއްގައެވެ.

މާލީކަންކަމާ ބެހޭ ވަޒީރުގެ މަޤާމަށް ޓިޔުލިޕް ޢައްޔަނު ކޮށްފައި ވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި ބޭއްވި އިނގިރޭސިވިލާތުގެ ޢާންމު އިންތިޚާބަށް ފަހުއެވެ. އޭނާގެ ޒިންމާތަކުގެ ތެރޭގައި ޚިޔާނާތާ ދެކޮޅަށް ފިޔަވަޅުތައް އެޅުން ވެސް ހިމެނެއެވެ.

ޓިޔުލިޕް ދަނީ އޭނާ ޤާނޫނާ ޚިލާފު އެއްވެސް ޢަމަލެއް ކުރައްވާފައި ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވެސް ވަނީ ޓިޔުލިޕާ މެދު ފުރިހަމަ ޔަޤީންކަން އޮތް ކަމަަށް ވިދާޅުވެފައެެވެ. ސްޓާމާއަށް ފޮނުއްވި އިސްތިޢުފާގެ ސިޓީގައި ޓިޔުލިޕް ވިދާޅުވީ އޭނާ މަޤާމުން އިސްތިޢުފާ ދެއްވަނީ އޭނާއާ މެދު ބަންގްލަދޭޝުން ކުރާ ތުހުމަތުތަކުގެ ސަބަބުން ސަރުކާރުގެ މަސައްކަތްތަކަށް ބުރޫއަރާފާނެތީ ކަމަށެވެ.

2009ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ޙަސީނާ ބޮޑުވަޒީރުގެ މަޤާމުން އިސްތިޢުފާ ދެެއްވައި ޤައުމު ދޫކޮށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 5ވަނަ ދުވަހެވެ. އެއީ އެ ޤައުމުގައި ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ބަންގްލަދޭޝްގެ ގިނަ ޢަދަދެއްގެ ދަރިވަރުން މުޒާހަރާ ކުރުމުން މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުންކޮށް, ގިނަ ޢަދަދެއްގެ ދަރިވަރުން މަރައިލުމާ ގުޅިގެން މުޒާހަރާތައް ހޫނުވެ އިސްތިޢުފާ ދިނުމަށް ޙަސީނާއަށް މަޖުބޫރު ވުމުންނެވެ. ޙަސީނާ މި ވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ އަވަށްޓެރި އިންޑިޔާގައެވެ.

ޙަސީނާއާ ދެކޮޅަށް ބަންގްލަދޭޝުން ބަލަމުންދާ ޚިޔާނާތުގެ މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވަނީ ޓިޔުލިޕާ ގުޅޭ މައްސަލަތައް ވެސް ބަލަން ފަށައިފައެވެ. ބަންގްލަދޭޝްގެ ބައެއް ބިޔަ މަޝްރޫޢުތައް ހިންގުމަށް ލިބިފައިވާ ފައިސާގައި ޓިޔުލިޕް ހިމެނޭ ގޮތަށް ޙަސީނާއާއި އޭނާގެ ޢާއިލާއިން ޖެހިފައިވާ ކަމަށް ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތުހުމަތު ކުރެއެވެ. އެގޮތުން 12.65 ބިލިޔަން އެމެރިކާ ޑޮލަރުގެ ނިޔުކްލިއަރ ހަކަތައިގެ މަޝްރޫޢުއަކުން މާލީ މައްސަލަތަކެއް ފާހަގަ ވެފައިވާ ކަމަށާއި އެ މަޝްރޫޢުއިން ހަސީނާއާއި ޓިޔުލިޕަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ.

އުތުރު ލަންޑަނުގައި ޓިޔުލިޕް ދިރިއުޅުއްވަމުން ދަނީ 2009ވަނަ އަހަރު އޭނާގެ ޢާއިލާއަށް ބަންގްލަދޭޝްގެ ޤާނޫނީވަކީލެއް ކަމަށްވާ މުޢީން ޣަނީ ދީފައިވާ ގެއެއްގައެވެ. ޣަނީއަކީ ޙަސީނާގެ ވެރިކަމުގައި އޭނާގެ ސަރުކާރާ އެއްކޮޅަށް ވަކާލާތު ކޮށްފައިވާ ވަކީލެކެވެ. 2004ވަނަ އަހަރު ޓިޔުލިޕް ވަނީ އެއްވެސް ފައިސާއެއް ދައްކަން ނުޖެހި ލަންޑަންގެ އިތުރު ގެއެއް ވެސް ހޯދައިފައެވެ. އެ ގެއަކީ ޙަސީނާގެ ސިޔާސީ ޕާޓީ, އަވާމީ ލީގާ ގުޅުންހުރި ވިޔަފާރިވެރިއެއް މެދުވެރިވެ ހޯއްދަވާފައިވާ ގެއެއް ކަމަށް ބައެއް ނޫސްތަކުގައި ފާހަގަކޮށްފައި ވެއެވެ.

ޙަސީނާއާއި އޭނާއަށް ތާއީދު ކުރާ މީހުންނާ ގުޅުންހުރި ގެދޮރު ޓިޔުލިޕުގެ ނަމުގައި ހުރުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒު ވުމުން ޓިޔުލިޕް ވަނީ ސަރުކާރުގެ އެތިކްސް އެޑްވައިޒަރުގެ ކިބައިން ލަފަޔަކަށް އެދިފައެވެ. އެޑްވައިޒަރު ވިދާޅުވީ ވަޒީރެއްގެ ސުލޫކީ މިންގަނޑާ ޓިޔުލިޕް ޚިލާފުވެފައި ނުވި ނަމަވެސް ބަންގްލަދޭޝާ ގުޅުން ހުރި އޭނާގެ ޢާއިލީ މެންބަރުންގެ ސަަބަބުން އޭނާގެ އަބުރަށް ކޮށްފާނެ އަސަރަކާމެދު ސަމާލުވެ ވިސްނާފައި ނުވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިނގިރޭސިވިލާތުގެ ދަތުރުފަތުރާ ބެހޭ ވަޒީރު ލޫއީޒް ހެއިގް ވެސް ވަނީ މައްސަލައަކާ ގުޅިގެން އިސްތިޢުފާ ދެއްވައިފައެވެ. ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ބޮޑުވަޒީރުގެ ސްޓާމާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ދެ މެންބަރުން އިސްތިޢުފާ ދިނުން ވެގެން ގޮސްފައި މި ވަނީ ޖުލައި މަހު ބޭއްވި އާންމު އިންތިޚާބަށް ފަހު ޢާންމުންގެ މަޤުބޫލުކަން ގެއްލެމުންދާ ލޭބަރ ޕާޓީއަށް ކުރިމަތިވި އިތުރު ގޮންޖެހުމަކަށެވެ.

ޓިޔުލިޕް ހުންނެވި މަޤާމަށް ބޮޑުވަޒީރު ސްޓާމާ މިހާރު ވަނީ ކުރީގެ ޕެންޝަނާ ބެހޭ ވަޒީރު އެމާ ރޭނޮލްޑްސް ޢައްޔަނު ކުރައްވައިފައެވެ.