ކުޅިވަރު

ސްޕެއިންގެ ކޯޗު ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން މާޒިޔާއިން ފަރިތަކުރުންތައް ފަށައިފި


އައު ކޯޗުގެ މަގާމަށް ހަމަޖެއްސި ސްޕެއިންގެ ތަޖުރިބާކާރު ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަރިތަކުރުންތައް ފަށައިފިއެވެ. އެގޮތުން މިއަދު ހަވީރު މާޒިޔާއިން ވަނީ މާފަންނު ޓާފް ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

މާޒިޔާއިން އައު ކޯޗެއް ގެނައީ އެ ޓީމަށް މީގެ ކުރިން އިރުޝާދުދިން ސާބިއާގެ ކޯޗު ޑްރަގަން ޑުކަނޯވިޗްގެ އެއްބަސްވުން ހަމަވުމުންނެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ޑްރަގަން މާޒިޔާއާ ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމުން ވަނީ ނޮވެމްބަރު މަހު ކުރިއަށްދިޔަ އޭއެފްސީ ޗެލެންްޖް ލީގުގައި ވާދަކޮށްފައެވެ.

އުމުރުން 52 އަހަރުގެ ހެނާންޑޭޒް މާޒިޔާއާ ހަވާލުވިއިރު، އޭނާ އަކީ މާޒިޔާއަށް އިރުޝާދުދޭނެ ބިދޭސީ ހަތްވަނަ ކޯޗެވެ. ހެނާންޑޭޒް މީގެ ކުރިން ވަނީ ސްޕެއިން އާއި، ލިތުއޭނިއާ އާއި، އުޒްބެކިސްތާނާއި، ކުވެއިތު އަދި ދެކުނު ކޮރެއާގައި ފުޓްބޯޅައިގެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

އައު ކޯޗާއެކު މާޒިޔާއިން ފަރިތަކުރުންތައް ފެށިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ފައިނަލް ކަލަންޑަރުގައި ވަނީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށުން އަންނަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އެގޮތުން ސީޒަން ހުޅުވާ މެޗު ނުވަތަ ޗެރިޓީ ޝީލްޑް މެޗު އަންނަ މަހުގެ 14 ވަނަ ދުވަހުގެރޭ ކުޅޭއިރު، ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ވަނީ އެ މަހުގެ 17 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައެވެ. އަދި އެ މުބާރާތަށްފަހު ދިވެހި ޕްރިމިއަރ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ ރޯދަ މަހަށްފަހު އެޕްރީލު މަހުގެ އަށްވަނަ ދުވަހެވެ.

މީގެ ކުރިން މި ހިނގާ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް އެފްއޭއެމް އިން އެންމެ ފުރަތަމަ ނިންމުމުން، މާޒިޔާއިން ވަނީ އޭރުގެ ކޯޗު ޑްރަގަން އާއެކުވެސް ފަރިތަކުރުންތައް ފަށާފައެވެ. އެކަމަކު ސީޒަން ފަށާނެ ތާރީޚެއް ކަށަވަރުނުވާތީ ފަރިތަކުރުންތައް ވަނީ ފަހުން މެދުކަނޑާލާފައެވެ.