2008ވަނަ އަހަރުގެ ޚިޔާނާތުގެ މައްސަލައެއްގައި ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ކުށެއް ނެތް ކަމަށް އެ ޤައުމުގެ ސުޕްރީމު ކޯޓުން ނިންމައިފިއެވެ.
2001ވަނަ އަހަރުން 2006ވަނަ އަހަރަށް ބޮޑުވަޒީރުގެ މަޤާމުގައި ޚާލިދާ ހުންނެވިއިރު ބަންގްލަދޭޝްގެ ޔަތީމުޙާނާއަކަށް ބޭރުގެ އެހީގެ ގޮތުގައި ލިބުނު 173,000 ޑޮލަރަށް ޚާލިދާއާއި އިތުރު ބަޔަކު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވުނެއެވެ. ޚިޔާނާތުގެ އެ މައްސަލައިގައި 2018ވަނަ އަހަރު ބަންގްލަދޭޝްގެ ހައި ކޯޓުން ވަނީ ޚާލިދާއާއި އޭނާގެ ދަރިކަލުން ޠާރިޤު ރަޙްމާނާއި އިތުރު ބައެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި ޖަލަށް ލާން ޙުކުމު ކޮށްފައެވެ. އެ ގޮތުން ޚާލިދާ ވަނީ 10 އަހަރަށް ޖަލަށް ލައިފައެވެ. އޭރު ބަންގްލަދޭޝްގައި ވެރިކަން ކުރަައްވަމުން ދިޔައީ ޚާލިދާއާ ވާދަވެރި ޝައިޚް ޙަސީނާއެވެ.
އެ މައްސަލަ އަލުން ބަލައި ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ މައްސަލައިގައި ޚާލިދާގެ ކުށެއް ނެތް ކަމަށް ނިންމާ ހައި ކޯޓުގެ ނިންމުން ބާޠިލު ކޮށްފައެވެ. މި ނިންމުމާއެކު ބަންގްލަދޭޝްގެ ޢާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު މި ވަނީ ޚާލިދާއަށް ފަހިވެފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި ޚާލިދާއާއި އޭނާގެ ޢާއިލާއަށް ލިބުނު މި ފަދަ އިތުރު ކާމިޔާބީއެކެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ޚާލިދާއާ ދެކޮޅަށް ހުކުމް ކޮށްފައިވާ އިތުރު ޚިޔާނާތުގެ މައްސަލައެއްގައި އޭނާ ކުށްވެރި ނުވާ ކަމަށް ބަންގްލަދޭޝްގެ ހައި ކޯޓުން ވަނީ ނިންމައިފައެވެ. އަދި 2004ވަނަ އަހަރު ޚާލިދާގެ ދަރިކަލުން ރަޙްމާނު, ޙަސީނާގެ ސިޔާސީ އެއްވުމެއްގައި ބޮމެއް ގޮއްވައިލި ކަމަށް ތުހުމަތުކޮށް އޭނާ އުމުރަށް ޖަލަށް ލާން ނިންމި ނިންމުން ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ބާޠިލު ކޮށްފައެވެ.
އުމުރުން 79 އަހަރުގެ ޚާލިދާ ދަނީ ޞިއްޙީ ގިނަ މައްސަލަތަކާ ކުރިމަތި ލައްވަމުންނެވެ. އެ ގޮތުން ލިވަރ ސިރޯސިސްއާއި ހިތުގެ މައްސަލަތަކެއް އޭނާ ދަނީ ތަހައްމަލު ކުރައްވަމުންނެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވެސް އޭނާ ވަނީ ޞިއްޙީ ފަރުވާއަށް އިނގިރޭސިވިލާތުގެ ލަންޑަނަށް ގެންގޮސްފައެވެ.