ސްރީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންނާ ބައްދަލުކުރައްވައި، އިންވެސްޓުމަންޓާއި އިޤްތިޞާދީ ރޮގުން ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތްތައް ކުރުމަށް އެއްބަސްވެވަޑައިގެންފިއެވެ.
އެ ބައްދަލުވުމުގައި ތެރެއިން ޗައިނާގެ ބެލްޓް އެންޑް ރޯޑްގެ ދަށުން އިޤްތިޞާދާއި ފަންނިއްޔާތު ކުރިއެރުވުމާ ގުޅޭ 15 އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް، އެ އެއްބަސްވުންތަކުގެ ތަފްޞީލެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ސްރީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، ދިސާނަޔަކަގެ މި ދަތުރުފުޅުގައި، ޗައިނާއިން ހަމްބަންޓޮޓާގައި ތެޔޮ ކާރުޚާނާއެއް ތަރައްޤީ ކުރުމުގެ 3.7 ބިލިއަން ޑޮލަރުގެ މަޝްރޫޢުއެއްގައި ވަނީ ސޮއިކޮށްފައެވެ. މި ގޮތުން، ސްރީ ލަންކާގެ ހަކަތައާ ބެހޭ ވުޒާރާއާއި ޗައިނާގެ ސިނޮޕެކް ކޯޕަރޭޝަނާ ދެމެދު ސޮއިކުރި އެއްބަސްވުމުގައި ދުވާލަކު 200،000 ފީފާ ތެޔޮ އުފެއްދުމުގެ ޤާބިލުކަން ހުރި ކާރުޚާނާއެއް ޤާއިމްކޮށް، އޭގެ ބޮޑު ބައެއް އެކްސްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި، ދިސާނަޔަކަ ޗައިނާއަށް ވަޑައިގެންނެވީ، އަވަށްޓެރި އިންޑިޔާއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ފަހުއެވެ. ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި، ބޮޑެތި މަޝްރޫޢުތައް ހިންގަން ޗައިނާއިން އެތައް ބިލިއަން ޑޮލަރެއްގެ ދަރަނި ވަނީ ނަގައިފައެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމަށް ފަހު، 2022ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ބޭރުގެ ލޯނުތައް އަދާ ނުކުރެވޭ ވަރަށް ސްރީ ލަންކާގެ މާލީ ޙާލަތު ފުރަތަމަ ފަހަރަށް ގޯސްވީ ދަރަނި ގިނަވެ ދައުލަތުގެ ރިޒާވްގައި ހުރި ބޭރު ފައިސާގެ ޢަދަދު ދަށަށް ދިއުމުންނެވެ. ނަމަވެސް، ދިސާނަޔަކަ ވެރިކަމަށް ވަޑައިގެން، ސްރީ ލަންކާއިން ދައްކަން ޖެހޭ 12.55 ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަނި ދައްކާނެ ގޮތުގެ ރޭވުންތައް ވަނީ އަލުން އެކުލަވާލައްވައިފައެވެ. އޭގެ ތެރޭގައި، ޗައިނާއާއި ޖަޕާނާއި އިންޑިޔާ ވެސް ހިމެނެއެވެ.
ސްރީ ލަންކާގެ އިޤްތިޞާދު އަލުން ކޮޅަށް ޖަހަން، ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ހުށަހަޅާފައިވާ 2.9 ބިލިއަން ޑޮލަރުގެ މާލީ ޕެކޭޖު ހޯދުމަށްޓަކައި، ދަރަނި ދެއްކުން ފަސްކުރުމަށް ޗައިނާގެ އެގްޒިމް ބޭންކާއި ޗައިނާ ޑިވެލޮޕްމަންޓް ބޭންކާ އެކު ސީދާ އެއްބަސްވުންތައް އެކުލަވައިލަންޖެހެއެވެ.
"ދެ ޤައުމުގެ ގުޅުން އިތުރަށް ކުރިއަރުވައި، ގުޅުމުގެ އައު ތަސައްވުރެއް އެކުލަވާލައި، ޗައިނާ-ސްރީ ލަންކާ އެކުވެރިކަމާއި އެއްބާރުލުމުގެ ތެރެއިން ވަރުގަދަ ކާމިޔާބީތައް ހޯދަން މަސައްކަތްކުރަން އަޅުގަނޑު ތައްޔާރަށް ހުރި ކަމުގެ ޔަޤީންކަން އަރުވަން،" ދިސާނަޔަކަ އާއެކު ބޭއްވި ބައްދަލުވުމަށްފަހު ޝީ ވިދާޅުވިއެވެ.