ޚަބަރު

އިތުރު ވަގުތުގައި އެންޑްރިކް ޖެހި ލަނޑާއެކު ރެއާލް ކުއާޓާއަށް


ސްޕެނިޝް ކަޕުގައި ރޭ ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި އެންޑްރިކް ޖެހި ދެ ލަނޑާއެކު 5-2 ގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ރެއާލް މެޑްރިޑުން ހޯދައިފިއެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާތީ މެޗުގެ ނަތީޖާ ނެރުމަށްވަނީ އިތުރު ވަގުތު ކުޅެފަ އެވެ.

މެޗުގެ 37 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

ނަމަވެސް ދެވަނަ ހާފުގައި ސެލްޓަވީގޯ އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅުކޮށް ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.

އެގޮތުން މެޗުގެ 83 ވަނަ މިނިޓުގައި ޖޮނަތަން ބަންބާ ވަނީ ލަނޑެއް ޖަހާ އެ ޓީމުގެ އުންމީދުތައް އައުކޮށްދީފަ އެވެ. އަދި މެޗުގެ ފަހު މިނިޓުގައި ބަންބާއަށް އޭރިޔާ ތެރެއިން ފައުލް ކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން މާކޮސް އަލޮންސޯ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެންޑްރިކް ވަނީ ލަނޑެއް ޖަހާފަ އެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ފެޑެރީކޯ ވަލްވާޑް ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން މިނިޓަކަށް ވެފައިވަނިކޮށް އެންޑްރިކް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 5-3 އަށް ބަދަލުކޮށްފަ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އޮސަސޫނާ ވަނީ 3-2 ގެ ނަތީޖާއަކުން އެތްލެޓިކް ބިލްބާއޯ ބަލިކޮށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައިވާ ރެއާލް ސޮސިއެޑާޑް ވަނީ ރަޔޯ ވަޔެކާނޯ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ.