ޢިރާޤުގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ހަތިޔާރު ބަހައްޓައި، އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް ޢިރާޤު ސަރުކާރުން ބާރުއަޅަން ފަށައިފިއެވެ. ޢިރާޤު ސަރުކާރުން މި ކަމަށް ގޮވައިލާފައި މި ވަނީ، އެ ޤައުމުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި ޒަަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ޢިރާޤުގައި ހަރަކާތްތެރިވަމުންދާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ނުރައްކާތެރި ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. އެއީ، އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކެކެވެ.
ހަތިޔާރު ބަހައްޓައި، އަސްކަރީ ހަރަކާތްތައް ހުއްޓައިލުމަށް އެ ޖަމާޢަތްތަކަށް ބާރުއަޅަން ފަށާފައިވާ ކަން ހާމަ ކުރައްވާފައި ވަނީ ޢިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިނެވެ. އޭނާ މި މޭރުމުން ވިދާޅުވެފައި މި ވަނީ މެދުއިރުމަތީގެ ބައެއް ޤައުމުތަކުގައި ހަރަކާތްތެރިވަމުންދާ އީރާނުން ވާގިވެރިވާ ޖަމާޢަތްތަކާ ދެކޮޅަށް އަދި ފަލަސްޠީނުގެ ޣައްޒާއާއި ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. ޣައްޒާ ޢުދުވާންތައް މެދުކަނޑައިލުމަށް ޔަހޫދީން އެއްބަސްވެފައިވާއިރު، ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުން ދިޔަ ޖަރީމާތައް މެދުކަނޑައިލާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ.
ޢިރާޤުގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރުން އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކާ އެކު އީރާނުން ދަނީ ގާތް ގުޅުންތަކެއް ބާއްވަމުންނެވެ. އެ ޖަމާޢަތްތަކުގެ އިތުރުން އީރާނާ ދެކޮޅަށް އިތުރު ފިއްތުންތައް ކުރިމަތިކުރާނެ ކަމުގައި އެމެރިކާގެ އިންތިޚާބީ-ރައީސް ޑޮނަލްޑް ޓްރަމްޕާ ގުޅުން ހުރި ފަރާތްތަކުން ވަނީ އިންޒާރު ދީފައެވެ. ޖަނަވަރީ 20ވަނަ ދުވަހު ރައީސް ކަމުގެ ހުވައި ކުރައްވައި އޭނާ އެމެރިކާގެ ރައީސް ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވާނެއެވެ.
ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ސޫރިޔާގެ ހަރަކާތްތެރިވާ ނިރުބަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސު)ން ވަނީ ރައީސް ބައްޝާރް އަލް-އަސަދުގެ ސަރުކާރު ވައްޓައިލައި، އެ ޤައުމުގެ އިންތިޤާލީ ސަރުކާރެއް ޤާއިމު ކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެ ފަދަ ހާލަތެއް ޢިރާޤަށް ކުރިމަތިވުމުގެ ފުރުޞަތު އޮތް ކަމުގައެވެ. ނަމަވެސް، ޙުސައިން ވިދާޅުވީ، އެ ފަދަ ފުރުޞަތެއް އޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމުގައެވެ.
"މީގެ ދޭއް ނުވަތަ ތިން އަހަރު ކުރިން މި ފަދަ ވާހަކަތެއް ނުދެއްކޭ. ނަމަވެސް، ސީޔާސީންނާއި ސިޔާސީ ޕާޓީތަކުން ވަނީ އެ ކަމާ މެދު ވާހަކަ ދައްކަން ފަށާފައި، ހަތިޔާރު ބަހައްޓަން އެ [ހަތިޔާރު އެޅި] ޖަމާޢަތްތަކުން އެއްބަސްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން، އަދި [އިރާޤުގެ] އަސްކަރިއްޔާއާ ގުޅި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށް އުންމީދު ކުރަން،"ޢިރާޤުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން
އޭނާ ވިދާޅުވީ، އެމެރިކާއާއި އީރާނާ އެކު ޢިރާޤުގެ ސަރުކާރުން ގާތް ގުޅުންތަކެއް ބާއްވަމުން މި ދަނޑިވަޅުގައި، އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ކޮންޓުރޯލުކޮށް، އެ ޖަމާޢަތްތަކުގެ އަސްކަރީ ހަރަކާތްތަކަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، އެ ކަމަށް އެއްބަސްވާ ޖަމާޢަތްތަކަށް، ޢިރާޤުގެ އަސްކަރިއްޔާއާ ގުޅުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމުގައެވެ.
"މީގެ ދޭއް ނުވަތަ ތިން އަހަރު ކުރިން މި ފަދަ ވާހަކަތެއް ނުދެއްކޭ. ނަމަވެސް، ސީޔާސީންނާއި ސިޔާސީ ޕާޓީތަކުން ވަނީ އެ ކަމާ މެދު ވާހަކަ ދައްކަން ފަށާފައި، ހަތިޔާރު ބަހައްޓަން އެ [ހަތިޔާރު އެޅި] ޖަމާޢަތްތަކުން އެއްބަސްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން، އަދި [އިރާޤުގެ] އަސްކަރިއްޔާއާ ގުޅި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެވޭނެ ކަމަށް އުންމީދު ކުރަން،" ޙުސައިން ވިދާޅުވިއެވެ.
ނަމަވެސް، މިއީ ފަސޭހަކަމަކަށް ވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ. ސަބަބަކީ، ޣައްޒާއާއި ލުބްނާން ޢުދުވާނަށް ރައްދު ދިނުމުގެ ގޮތުގައި ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާގެ އިސްތިޢުމާރީ ސިފައިންނާއި ޒަޔަނިސްޓުންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގަމުން ދިޔުމެވެ. އަދި، ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ނުރައްކާތެރި މިސައިލް ފަދަ ހަތިޔާރު ބޭނުން ކޮށްގެން ޙަމަލާތައް އަމާޒު ކުރަމުން ދިޔުމެވެ.
ޓްރަމްޕްގެ ކުރީގެ ވެރިކަމުގައި ޢިރާޤާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވިއެވެ. އެއް ސަބަބަކީ، އީރާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލް ޝަހީދު ކޮށްލުމަށް އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ނިރުބަވެރި ޙަމަލާތަކެއް ދިނުމެވެ. އީރާނުގެ ބާރުގަދަ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސް ކޮމާންޑަރު ޖެނެރަލް ޤާސިމް ސުލަޔިމާން ޝަހީދު ކޮށްލާފައި ވަނީ 2020ވަނަ އަހަރު ދިން ނުރައްކާތެރި ޙަމަލާތަކެއްގައެވެ. އެ ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ވަނީ ޢިރާޤުގައި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒަކަށް ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޙަމަލާދީފައެވެ.