ޚަބަރު

ކްލަބް ވޯލްޑްކަޕްގެ ޓްރޮފީ ޓުއަރ ފަށައިފި


ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން އަލަށް ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީ މި މުބާރާތުގައި ޥާދަކުރާ ހުރިހާ ސިޓީތަކަށް ގެންދިއުމުގެ ދަތުރު އިއްޔެ ފަށައިފި އެވެ.

ޖުމްލަ 32 ކްލަބް ވާދަކުރާ ފީފާ ކްލަބް ވޯލްޑްކަޕް ގެ ޓްރޮފީ ޓުއާ އިއްޔެ އެމެރިކާ ނިއު ޔޯކުން ފެށިއިރު މި ހަފްލާ ޝަރަފުވެރިކޮށްދީފައިވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި މަޝްހޫރު ލަވަކިއުންތެރިޔާ ރޮބީ ވިލިއަމްސް އެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު އެމެރިކާގެ މަޔާމީގައި ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ.

ފީފާއިން ހާމަކޮށްފައިވާ ގޮތުގައި ފީފާ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީ މި މުބާރާތުގައި ވާދަކުރާ 32 ކްލަބް ނިސްބަތްވާ ސިޓީތަކަށް ގެންދެވޭނެ އެވެ.

މީގެ ފަހުން ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބޭއްވުމަށް ހަމެޖެހިފައިވާ މި މުބާރާތުގައި ވާދަކުރާ 32 ޓީމު އަށް ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާއިރު ދެވަނަ ބުރަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އާއި ދެވަނައަށް ދާ ދެ ޓީމެވެ. އަދި ދެވަނަ ބުރުން ފެށިގެން ކުރިއަށްދާނީ ވޯލްޑްކަޕްގެ މެޗުތައްވެސް ކުރިއަށްދާ އުސޫލުންނެވެ.

ފީފާ ކްލަބް ވޯލްޑްކަޕްގެ ޓްރޮފީ ޑިޒައިން ކޮށްފައިވަނީ ލަގްޒަރީ ގަހަނާ އުފެއްދުމަށް ދުނިޔެއަށް މަޝްހޫރު ޓިފަނީ އެންޑް ކޯގެ ފަރާތުންނެވެ.