ޚަބަރު

ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ދެވަނަ ވެޓަރަންސް ކެރަމް ޗެމްޕިއަންޝިޕް މި މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމާ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުމުރުން 40 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވެޓަރަންސް ޗެމްޕިއަންޝިޕްގެ އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާ ފަރާތަކަށް މުބާރާތުގެ މެއިން ސްޕޮންސަރު ކަމަށްވާ، ޔަލަމްލަމް ޙައްޖާއި ޢުމްރާ ގްރޫޕުގެ ފަރާތުން ޢުމްރާ ދަތުރެއް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ވަނީ ބުނެފައެވެ.

މުޅި މުބާރާތުގެ ފައިސާގެ އިނާމުގެ ޖުމްލަ އަދަދު ދިހަ ހާސް ރުފިޔާ އަށް އަރާނެ ކަމަށް ވެސް ސީއޭއެމް އިން ބުނެއެވެ. ސީއޭއެމް އިން ބުނީ، 40 އަހަރުން މަތީގެ ކުޅުންތެރިންގެ ތެރެއިން ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ޤައުމީ ސްކޮޑުގައި ހިމެނިފައިވާ ކުޅުންތެރިންނާއި، އެންފަހުން ކުޅެވުނު ޤައުމީ ތިން ކެރަމް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ގަދަ 8 ގައި ހިމެނުނު ކުޅުންތެރިންނަށް ވެސް ވެޓަރަންސް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ނުލިބޭނެ ކަމަށެވެ.

އަދި، ފާއިތުވެދިޔަ އެސޯސިއޭޝަން ކެރަމް ޗެމްޕިއަންޝިޕްގެ ތިން މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ގަދަ 4 ގައި ހިމެނުނު ކުޅުންތެރިންނަށް ވެސް މި އަހަރުގެ ވެޓަރަންސް މުބާރާތުގައި ކުޅުމުގެ ފުރުޞަތު ނުލިބޭނެ އެވެ.

އޯޕަން ސިންގަލްސް އާއި ޑަބަލްސް އިވެންޓްގެ މެޗުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މާލެ ކެރަމް ހޯލުގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް ސީއޭއެމް އިން މަޢުލޫމާތުދެއެވެ.