ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި ދެން އެއް ޓީމަކަށް ކުޅެވޭނީ ގިނަވެގެން ބިދޭސީ ތިން ކުޅުންތެރިންނަށް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް އަންގާފައިވަނީ މި ގޮތަށް ނިންމީ ނޯމަލައިޒޭޝަން ކޮމިޓީން ކަމަށެވެ. މި ނިންމުމަކީ ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މި ބަދަލު ގެނައިރު އެފްއޭއެމުގެ ކުރީގެ މެނޭޖްމަންޓުން ނިންމާފައި އޮތީ ކޮންމެ ޓީމެއްގައި ބިދޭސީ ހަ ކުޅުންތެރިން ޖެހޭ ގޮތަށެވެ. ނަމަވެސް މިގަވާއިދަށް ބަދަލު ގެނައި ސަބަބެއް އެފްއޭއެމުން ނުބުނެ އެވެ. ހަ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ނިންމީ ގިނަ އަހަރުތަކެއް ވަންދެން ބިދޭސީ ހަތަރު ކުޅުންތެރިން ޖެހޭ ގޮތަށް ބޭއްވުމަށްފަހު އެވެ.
ރާއްޖޭގެ އައު އަހަރުގެ ފުޓްބޯޅަ ސީޒަން ފެބްރުއަރީ މަހު ފަށަން ތައްޔާރުވާއިރު މިހާތަނަށް ޕްރެކްޓިސް ފަށާފައިވާ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. ގައުމީ ޓީމުގެ ބޮޑު މެޖޯރިޓީ ކުޅުންތެރިން ތިބި ޓީމު ސްޕޭންގެ ކޯޗަކާއެކު ޕްރެކްޓިސް ފަށާފައިވަނީ އަންނަ މަހު ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތަށެވެ.
ފަހަކަށް އައިސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން އަދި އަތޮޅުތެރޭގެ މުބާރާތްތަކަށް ވެސް ގިނަ އަދަދަކަށް ބިދޭސީ ކުޅުންތެރިން ގެނެސްފައިވެ އެވެ.