ތެލެސީމިއާ ކުދިންގެ ތެރެއިން މިދިޔަ އަހަރު ބޯން މެރޯ ހެދުމަށް ފޮނުވި 6 ކުއްޖަކު ބޯންމެރޯ ހެދުމަށްފަހު ރާއްޖެއައިސްފިއެވެ.
ބޯންމެރޯ ހަދަނީ ކޮންމެ އަހަރަކު ވަކި ޢަދަދަކަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވައިގެންނެވެ. މިދިޔަ އަހަރުގެ އެކި ދުވަސްވަރުގެ މަތިން 14 ކުއްޖަކު ބޯން މެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އޭގެތެރެއިން 6 ކުއްޖަކު މިހާރު ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ހެދުމަށްފަހު ރާއްޖެވަނީ އައިސްފައެވެ.
ސިއްޙީ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ބޯންމެރޯ ހެދުމަށް މިވަގުތު ރާއްޖެއިން ބޭރުގައި 7 ކުއްޖަކު އެބަތިއްބެއެވެ. ފަރުވާއަށްފަހު 3 ކުއްޖަކު އަންނަ މަހު ރާއްޖެއަށް އަންނާނެކަމަށާއި ބަކީ ތިބި 4 ކުދިންގެ ފަރުވާ ކުރިއަށް ދާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.
ބޯންމެރޯ ހެދުމަށް މިިދޔަ އަހަރު ފޮނުވި 1 ކުއްޖަކު ވަނީ ނިޔާވެފައެވެ. ބޯންމެރޯއަށްފަހު 3 މަހާއި 6 މަހުގެ މުއްދަތެއް އެ ކުދިން ފަރުވާގައި ރާއްޖެއިން ބޭރުގައި ހޭދަކުރެއެވެ.
ތެލަސީމިއާއަށް ފަރުވާހޯދާ ފަރާތްތަކަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް ހިލޭ ބޯންމެރޯ ޓްރާސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
ސަރުކާރުގެ ހަފްތާ 14ގައި ހިމަނައިގެން ތެލަސީމިއާ ފަރުވާއާއި ގުޅޭ މުހިންމު ނިމުންތަކެއް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
އެގޮތުން ނިންމެވި ނިންމެވުންތަކުގެ ތެރޭގައި ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމު އެސް.ޓީ.އޯ. މެދުވެރިކޮށާއި އާސަންދައިގެ ތެރެއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.
މީގެ އިތުރުން ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފަސޭހަ އަދި ދެމެހެއްޓެނިވި ނިޒާމެއް ޤާއިމުކުރުމުގެ ގޮތުން ކުރުރާސްތާގައި، ހުރިހާ އެސެސްމެންޓެއް ހެދި ބޯންމެރޯ ހެދުމަށް ފައިނަލްވާ ކުދިން، ބޯންމެރޯ ހެދުމަށް ކޮންމެ އަހަރަކު ކަނޑައެޅިފައިވާ މިންވަރަކުން ފޮނުވަމުންދިއުމަށް ނިންމެވިއެވެ. އަދި ދުރުރާސްތާގެ ޙައްލެއްގެ ގޮތުން އަހަރަކު 10 ކުދިންނަށް ބޯންމެރޯ ހެދޭނެ އިންތިޒާމް ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ.
ތެލަސީމިއާ ކުދިންގެ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެ ކުދިންނަށް ދޭ އިނާޔަތް ބޮޑުވުރައްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި މި ދާއިރާއަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާނެ ދާއިރާއެއްކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
"އެއްކަމަކަށް ތެލެސީމިއާއަށް ފަރުވާދިނުން އެއީ، އަޅުގަނޑުމެންގެ ވަރަށް މުހިންމު ސިޔާސަތެއް. ކެމްޕެއިންގައި އަޅުގަނޑު އެ ވައުދުވެ، ކެބިނެޓުން ނިންމަންޖެހޭ މުހިންމު ނިންމުންތައް ނިންމާފައި އޮތް ކަމެއް އެއީ. އެހެންވީމާ، ސަރުކާރުން ވަރަށް އިސްކަން ދޭނަން، ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނަށާއި ޢާއިލާތަކަށް. ރަށްރަށުގައިވެސް އެކަމަށް ބޭނުންވާ ފަރުވާ ހޯދޭނޭ ގޮތްތައް، އެ ރަށެއްގެ ނިސްބަތުން ދެވެންއޮތް އެންމެ މަތީ ދަރަޖައަކަށް ދިނުން، އަޅުގަނޑުމެންގެ ސިޔާސަތަކީ." ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖެއަކީ އާބާދީގެ ނިސްބަތުން ތެލަސީމިއާ އާބާދީ އެންމެ ބޮޑު އެއް ޤައުމެވެ. ރާއްޖޭގެ ތެލަސީމިއާ ދަފްތަރުގައި 959 މީހުން ރެޖިސްޓަރކޮށްފައިވާއިރު، 666 މީހުން މިވަގުތު ދުނިޔޭގައި އެބަތިއްބެވެ. ރާއްޖޭގެ މުޅި އާބާދީގެ %16.6 މީހުންނަކީ ތެލަސީމިއާ ވާރުތަކުރާގޮތް ހުންނަ މީހުންނެވެ. ތެލަސީމިއާ މީހުންގެ ދެބައިކުޅަ އެއްބައި އާބާދީ ދިރިއުޅެނީ މާލެ ސަރަޙައްދުގައެވެ.
ވަށާޖެހޭ ޙައްލެއްގެ ގޮތުން ތެލަސީމިއާއަށް ޚާއްޞަ ހޮސްޕިޓަލެއް ޤާއިމުކުރުމަށްވެސް ރައީސުލްޖޫމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން މިހާރު ޕްރައިވެޓް ހެލްތުކެއާރ ނިޒާމުގެ ތެރެއިން ހަދަމުންދާ ތެލަސީމިއާ ކުދިންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޓެސްޓްކަމަށްވާ "ޓީ 2 ސްޓާރ ޓެސްޓް" ހެދުމަށް ބޭނުންވާ ވަޞީލަތްތައް ދުރު ރާސްތާގައި ސަރުކާރުގެ ހޮސްޕިޓަލުގައި ޤާއިމުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ އާސަންދައިގެ ދަށުން ޑީ.އެން.އޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް ނިންމަވާފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން އިތުރުކުރުމާއި ތެލަސީމިއާއަށް ޓެސްޓްކޮށް، ސްކްރީންކުރުން އިތުރަށް ހަރުދަނާކުރުމަށް ނިންމަވާފައިވެއެވެ. އަދި ސްކޫލް ނިމޭ ކޮންމެ ދަތިވަރަކީ ތެލަސީމިއާއަށް ޓެސްޓުކޮށްފައިވާ ކުއްޖަކަށް ހެދުމަށް، އޭގެ މަސައްކަތްތައްވެސް ސްކޫލްތަކުގައި ވަނީ ފަށްޓަވާފައެވެ.