މިފްކޯއިން މިއަހަރުގެ ރޯދަމަހާ ދިމާކޮށް 140 ގްރާމްގެ ތެޔޮ މަސްދަޅު ބާޒާރަށް ނެރެފިއެވެ. މި މަސްދަޅު މިހާރު މިފްކޯގެ މާލެ ސަރަހައްދުގެ ފިހާރަތަކުން ދަނީ ވިއްކަމުންނެވެ.
މިފްކޯއިން މިހާރު ވިއްކަމުން އަންނަ ތެޔޮ މަސްދަޅަކީ 180 ގްރާމްގެ މަސްދަޅެކެވެ. ނަމަވެސް އާންމުންނަށް ފަސޭހަކޮށް މީހުން މަދު ގޭބީސީތަކުގައި 1 ފަހަރު ބޭނުންކުރެވޭނެގޮތަށް މި ރޯދަމަހާ ދިމާކޮށް މިފްކޯއިން ވަނީ 140 ގްރާމްގެ ތެޔޮ މަސްދަޅު ރާއްޖޭގެ ބާޒާރަށް ނެރެފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިފްކޯގެ ލޯކަލް ސޭލްސް އެންޑް މާކެޓިން ޖެނެރަލް މެނޭޖަރ އައިޝަތު ރިޔާޒާ ވިދާޅުވީ، 140 ގްރާމްގެ މަސްދަޅަކީ މިފްކޯގެ ފެލިވަރު ކޭނަރީގައި ގިނަ ދުވަސްތަކެއް ވަންދެން ތައްޔާރުކޮށް އެކްސްޕޯޓްކުރަމުން އަންނަ އުފެއްދުމެއްކަމަށެވެ. މިއީ ރާއްޖެއިން ބޭރުގެ މާކެޓްގައިވެސް ވަރަށް ބޮޑު ޑިމާންޑެއް އޮތް ސައިޒެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ އަގުގެ ގޮތުން ބެލިނަމަވެސް އަގުހެޔޮ ގޭބީސީތަކުގައި ބޭނުންކުރަން ފަސޭހަ ސައިޒެއްގެ މަސްދަޅެއްކަން ރިޔާޒާ ފާހަގަކުރެއްވިއެވެ.
"ރާއްޖެއިން ބޭރުގެ މާކެޓްތަކުގައިވެސް ބޮޑަށް ޑިމާންޑް އޮތީ މި ސައިޒަށް. އެއީ އަގުގެ ގޮތުން ބެލިކަމުގައިވިއަސް ނުވަތަ ސިންގަލް ސޭވިންއަކަށް ބެލިކަމުގައިވިއަސް. މި ސައިޒްގެ ދަޅުގައި ބަންދުކުރީމައި އާންމުންނަށް ބޮޑު ލުއިފަސޭހަތަކެއް އެބަހުރި. މިފްކޯއިން ދެކުނީ އަގުގެ ގޮތުންވެސް ހައްލަކަށް ކުދި ގޭބީސީތަކަށްވެސް އެއްފަހަރު ބޭނުންކޮށްލާފައި ފްރިޖްއަށް ލުމުގެ ބަދަލުގައި ރައްކާތެރި ވާނެއޭ އެއްފަހަރު ބޭނުންކޮށްލެވޭ ސައިޒްއަކަށް ތައްޔާރުކުރީމައި." ރިޔާޒާ ވިދާޅުވިއެވެ.
މިފްކޯގެ 140 ގްރާމްގެ ތެޔޮ މަސްދަޅު މިހާރު ލިބެންހުންނާނީ މިފްކޯގެ ހުޅުމާލޭގެ 2 ފިހާރައާއި މާލޭގެ 2 ފިހާރައިންނެވެ. ނަމަވެސް ކައިރި މުސްތަޤްބަލެއްގައި މިފްކޯގެ ސައިޓްތަކާއި އައިސްޕްލާންޓްތަކުންވެސް މި އުފެއްދުން ލިބޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
140 ގްރާމްގެ މަސްދަޅުކޭހެއް ލިބޭނީ 700 ރުފިޔާއަށެވެ. ވަކި މަސްދަޅެއް ލިބޭނީ 15 ރުފިޔާއަށެވެ. 180 ގްރާމްގެ ތެޔޮ މަސްދަޅު ކޭހެއްގެ އަގަކީ 760 ރުފިޔާއެވެ. އަދި އެ ސައިޒްގެ މަސް ދަޅެއްގެ އަގަކީ 17.50 އެވެ.
މިފްކޯއިން ވިދާޅުވީ މި އުފެއްދުމަށް މިހާތަނަށް އާންމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ. މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ރާއްޖޭގެ ހުރިހައި ހިސާބަކުންވެސް މި ސައިޒްގެ މަސްދަޅު ލިބޭނެ އިންތިޒާމް ހަމަޖެއްސުންކަމަށެވެ. މިފްކޯއިން ވިދާޅުވީ ރަޖިސްޓްރީކޮށްފައި ހުރި ގޭދޮށު ފިހާރަތަކަށް އެ ކުންފުންޏާއި ގުޅިގެން މަސްދަޅު ވިއްކުމުގެ ފުރުސަތު އޮންނާނެކަމަށެވެ.