އެކުގައި މަޝްވަރާކޮށްގެން މަދަނީ ޖަމުޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށް އެ ވުޒާރާއިން ކުރެވިދާނެކަންކަން ދެނެގަތުމަށްޓަކައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާބެހޭ ވަޒީރު އިބްރާހިމް ވަޙީދު ވިދާޅުވީ ޖަމުޢިއްޔާތަކުގެ މަސައްކަތްތައް ހިނގުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެގޮތުން މަދަނީ ޖަމުޢިއްޔާތަކަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން އެކުގައި މަޝްވަރާކުރެވޭނަމަ، ގިނަ ކަންކަމަށް ހައްލު ހޯދިދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އޭގެ ތެރެއިން މިވަގުތު އެންމެ ބޮޑަށް ފާހަގަކުރެވެނީ ޖަމިއްޔާތަކުން ހަރަކާތްތެރިވާނެ ތަންތަނުގެ މައްސަލަކަމަށާއި، އެފަދަ ޖާގައިގެ ދަތިކަންކަމަށް ހައްލުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޖާގަ ބޭނުންވަނީ ޖަމިއްޔާތަކުގެ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށްވުމުން ސަރުކާރުން އެކަމަށް މަގުފަހުކޮށްދޭންޖެހޭކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ޒުވާނުންގެ ތާޑް ސްޕޭސްގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ ޒުވާނުންގެ ތާޑް ސްޕޭސް އަދިވެސް ހުރީ އެ ވުޒާރާގެ ބެލުމުގެ ދަށަށް އައިއިރު ހުރި ގޮތުގައި ކަމަށާއި، އެއީ އެންމެ އެދެވޭ ގޮތަށް ހުރި ތަނެއް ނޫންކަމަށެވެ.
"އެތަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ، ތަން އަލުން ފަރުމާކޮށް، ޖަމްޢިއްޔާތަކަށް ހަރަކާތްތެރިވެވޭނެ އިންތިޒާމުތަކެއް ހުރި ތަނަކަށް ބަދަލުކުރަން ޖެހޭ. އެތަނަކީ ވަރަށް ގިނަ ބޭނުންތަކަށް އެކަށީގެންވާ ގޮތަކަށް ބައްޓަންކުރެވިފައިވާ ތަނެއް" ވަޒީރު ވިދާޅުވިއެވެ.
މަދަނީ ޖަމިއްޔާތަކާއި އެކީ ބޭއްވި ބައްދަލުވުމުގައި 100އަށް ވުރެ ގިނަ މަދަނީ ޖަމްއިއްޔާއަކުން ބައިވެރިވެފައެވެ.
މާލޭގެ މަދަނީ ޖަމުޢިއްޔާތަކާ ވަޒީރު ބައްދަލުކުރެއްވިއިރު މަދަނީ ޖަމުޢިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ އިއުލާނުކޮށްފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ޖަމުޢިއްޔާތަކަށް އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
މަދަނީ ޖަމްއިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްޞަދަކީ މުޖުތަމައު ބާރުވެރިކުރުމަށް މަދަނީ ޖަމްއިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްއިއްޔާތަކުގެ ދައުރު ފުޅާކުރުމެވެ.