ޚަބަރު

ރޯދަމަހު ކޮންމެ ގޭބީސީއަކަށް ލިބޭނީ މިހާރުވެސް ބޭނުންކުރާ 180 ގްރާމްގެ މަސްދަޅު ކޭހެއް


  • ރޯދަމަހު ބަހާ މަސްދަޅުތަކުގެ ސައިޒު ބަދަލުކުރިކަމަށް ބުނާ ވާހަކަ މިފްކޯއިން ދޮގުކުރޭ

  • އަންނަމަހުގެ ކުރީކޮޅު މި މަސްދަޅުތައް ރަށްރަށަށް ފޮނުވަން ފަށާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މި ރޯދަމަހު މިފްކޯއިން ގޭބީސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ މަސްދަޅުކަމަށް މިފްކޯއިން ވިދާޅުވެއްޖެއެވެ.

މިފްކޯއިން މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން މިދިޔަ ހަފްތާގައި 140 ގްރާމްގެ މަސްދަޅުކޭސް ބާޒާރަށް ނެރުމާއި ގުޅިގެން ރޯދަމަހު ގޭބީސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ އެ ސައިޒްގެ މަސްދަޅުކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ކުރިއަށް އޮތް ރޯދަމަހު ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ ސަރުކާރަށް އެއް އަހަރުފުރުމުގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.


މިފްކޯއިން ވިދާޅުވީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ކޮންމެ ގޭބީސީއަކަށް މި ރޯދަމަހު 180 ގްރާމްގެ 48 ދަޅުގެ މަސްދަޅު ކޭހެއް ލިބޭނެކަމަށެވެ. އެކަމަށް މިހާރު މިފްކޯއިން މަސްދަޅުތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިފްކޯއިން ވިދާޅުވީ، އަންނަ މަހުގެ ކުރީކޮޅު ރަށްރަށަށް މަސްދަޅު ކޭސްތައް ފޮނުވުމުގެ މަސައްކަތް ކުރާނެކަމަށެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ލިބޭނެކަމަށެވެ. މިފްކޯއިން މަސްދަޅު ކޭސްތައް ރަށްރަށައް ފޮނުވުމުގެ މަސައްކަތް ކުރާނީ އެސްޓީއޯއާއި ގުޅިގެންނެވެ.