ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމުގެ ސަބަބުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން އިލްތިމާސްކުރައްވައިފިއެވެ. މިގޮތުން ބޭރުގައި އުޅުން މަދުކުރުމަށާއި ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުން ފެށިގެން އަންނައިރު ރާއްޖޭގެ އިރު އުތުރުން ވައި ޖެހެމުންދާތީ، ކޮންމެ އަހަރެއްގެވެސް މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެއެވެ.
މައިގަނޑުގޮތެއްގައި އިންޑިއާ ސަބްކޮންޓިނެންޓުން އަންނަ ހިރަފުސްދުން ރާއްޖެމައްޗަށް އަންނަކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކޮންމެ އަހަރެއްގެވެސް ޖެނުއަރީ ފެބްރުއަރީ މަހު ރާއްޖޭގެ ވައި ނުސާފުވާކަމާށް ރިކޯޑުކުރެވޭކަން އެއިދާރާއިން ފާހަގަކުރައްވައެވެ. އަދި އާއްމުގޮތެއްގައި ވައި ސާފުވަނީ މަރިޗު މަހުގެ ތެރޭގައިކަމަށް މެޓުން ވިދާޅުވެއެވެ.
ރާއްޖެ ސަރަޙައްދުގެ ވައި އާދިއްތަ ދުވަހު ނުސާފުވެފައިވާކަން ފާހަގަވެފައިވާއިރު ވައިޖެހޭ ގޮތަށް ބަލާއިރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭވެސް ވައިގެ ކޮލިޓީ ދަށްވާނެކަމަށް މެޓުން ލަފާކުރައްވައެވެ.
ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމްގެ އެއަރ ކޮލިޓި މޮނީޓަރ ކުރުމަށް ވިލިނގިލީގައި ޤާއިމުކޮށްފައިވާ ޓްރެކަރއިން ދައްކާގޮތުގައި މެންދުނު 1300ގައި މާލެ ސަރަޙައްދުގެ ވައިގެ ކޮލިޓީ ހުރީ 137 ގައެވެ. މިއީ ނާޒުކު ފަރާތްތަކުގެ ސިއްޙަތަށް ނުރައްކާވާނެ މިންވަރެއްކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. އިރުއޮއްސުމާއި ހަމައަށްވެސް މިސަރަޙައްދުގެ ވައި ނުސާފު މިންވަރެއްގައި ހުންނާނެކަމަށް މިޓްރެކަރއިން އަންދާޒާކުރެއެވެ.
ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުވެލައްވާ!#airpollutionawareness pic.twitter.com/aunA2D5U6P
— Health Protection Agency (@HPA_MV) January 19, 2025
ރާއްޖޭގެ ވައިގެ ކޮލިޓީ މިދުވަސްކޮޅު ދަށްވެފައިވަނީ ސިއްޙަތަށް ނުރައްކާ އޮތް މިންވަރަކަށްކަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވަނީ ސިއްޙަތަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.
އެޗްޕީއޭއިންވަނީ، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި އަދި އެލަރޖީ މައްސަލަ ހުންނަ ފަރާތްތަކުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އެދިފައެވެ. ހަމައެއާއެކު ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުންވެސް ބޭރުގައި ހޭދަކުރާވަގުތު މަދުކުރުމަށް ސަމާލުވުމަށް އެޗްޕީއޭއިންވަނީ ވިދާޅުވެއެވެ.
ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމަށްޓަކައި މާސްކު އެޅުމަށާއި ތުއްތު ކުދިން ބޭރަށް ނުނެރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި މިދުވަސްވަރު މާލެ ސަރަޙައްދުގެ ވައި ނުސާފުވެފައިވާތީ ގެދޮރުގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އިސްކަންދިނުމަށާއި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ވައި މިދުސްވަރު ނުސާފުކަމަށް ދައްކާއިރު ބައެއް ދުވަސްތަކުގައި ހެނދުނު ގަޑީގައި ވައިގެ ކޮލިޓީ ދަށްވެފައި މެންދުރުފަހު ރަނގަޅުވެއެވެ. އަދި ބައެއް ދުވަސްތަކުގައި މެންދުރަށް ވައިގެ ކޮލިޓީ ދަށްވާކަމަށްވެސް މެރިޓައިމްގެ ޓްރެކަރއިން ދައްކައެވެ. އެހެންކަމުން މިދުވަސްވަރު ބޭރު ތެރޭގައި އުޅުމުގައި ސިއްޙަތަށް ސަމާލުވުމަކީ މުހިއްމުކަމެކެވެ.