އެއަރ އެމްބިއުލާންސްގެ ޚިދުމަތުގައި މިހާތަނަށް 700 ދަތުރުކޮށްފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ވައިގެމަގުން ބަލި މީހުން އުފުލުމުގެ ޚިދުމަތް ދިނުމަށް، ވަކި ޚާއްސަ މަތިންދާ ބޯޓެއް ބޭއްވުމަކީ ސިއްޙީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދެވެ. އޭގެ ދަށުން އެއަރ އެމްބިއުލާންސްގެ ޚިދުމަތް ރާއްޖޭގައި ފެށީ މިދިޔަ އަހަރުގެ މަރޗް މަހުއެވެ. މިޚިދުމަތަށް ޚާއްސަކޮށް ޑޭޝް 8 މަރުކާގެ ބޯޓަކާއި ސީ ޕްލޭނެއްވެސް ވަނީ ކަނޑައަޅާފައެވެ.
ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ބަލި މީހުން އުފުލުމަށް މިހާތަނަށް އެއަރ އެމްބިއުލާންސްގެ 700 ދަތުރު ވަނީ ބާއްވާފައެވެ. މި ދަތުރުތަކުގައި 804 މީހުން އުފުލާފައިވެއެވެ.
ޑޭޝް-8ގެ އެއަރ އެމްބިއުލާންސް ބޯޓަކީ އެއްފަހަރާ ދެ މީހުން އުފުލޭ ކެޕޭސިޓީގެ ބޯޓެކެވެ.
Since its launch on March 1, 2024, Maldives Emergency Medical Services' air ambulance has completed 700 trips, attending to 804 patient cases. pic.twitter.com/Exnz9Y6lqj
— Ministry of Health (@MoHmv) January 21, 2025
ރާއްޖޭގައި ބަލިމީހުން އުފުލުހުގެ ޚިދުމަތް ހަރުދަނާކުރުމަށް، އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ މިކަމަށް ޚާއްސަކޮށް 15 މީހުންގެ ޓީމެއް ވަނީ ތަމްރީންކޮށްފައެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތަށް ޚާއްސަކޮށް ހެލިކޮޕްޓަރެއް ހޯދުމަކީވެސް ސަރުކާރުގެ ޢަމާޒެކެވެ.
އެއަރ އެމްބިއުލާންސް ތަޢާރަފްކުރުމުގެ ކުރިން ރާއްޖޭގައި ބަލިމީހުން އުފުލާފައިވަނީ އިންޑިއާގެ ސިފައިންގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރުގައާއި މޯލްޑިވިއަންގެ އާއްމު ދަތުރުފަތުރުތަކަށް ބޭނުންކުރާ ބޯޓުތަކުގައެވެ. ސަރުކާރުގެ ޢަމާޒަކަށްވީ ބަލި މީހުން އުފުލުމަށް ޚާއްސަ ބޯޓަކާއެކު، ދިވެހިން އެމަސައްކަތުގައި ދިވެހިން ހަރަކާތްތެރިވުމެވެ.