ޚަބަރު

އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވުން: ބަދަލުގެ ގޮތުގައި އެއް މިލިޔަން ޑޮލަރު ނަގައިދިނުމަށް ހުށަހަޅައިފި


އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ---

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، އެ ކުންފުނީގެ ފައިސާއަށް ޚިޔާނަތްތެރިވުމުގައި އެހީވެދިނުމުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 (އެއް މިލިޔަން އެމެރިކާ ޑޮލަރު) އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށްވެސް ކޯޓަށް ހުށަހަޅާފައެވެ.

އެ ކުންފުނީގެ މައްޗަށް ދައުވާ ކުރަނީ، ބައްސާމު ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފްއޭއެމްގެ އެކައުންޓުގެ ޗެކު، 08 އޭޕްރީލް 2021 ދުވަހު ތައްޔާރުކުރުވައި، ޗެކުގައި އޭނާ ސޮއިކޮށް، 14 އޭޕްރީލް 2021 ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް 1،919,950 (އެއް މިލިއަން ނުވަލައްކަ ނަވާރަހާސް ނުވަސަތޭކަ ފަންސާސް އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އަމިން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށްޓަކައި، އެ ފައިސާގެ ތެރެއިން 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ނެގޭ ގޮތަށް ބައްސާމު އެ ޗެކު އަމިން ކޮންސްޓްރަކްޝަންއަށް ދޫކުރުމުން، އެ ޗެކުގައިވާ ފައިސާއަކީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ، އެ ފައިސާ ބަލައިގަނެފައިވާތީއެވެ.

އަދި އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމިން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭމަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމިން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑަރކުރުމަށް އަމިން ކޮންސްޓްރަކްޝަންއިން ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއެވެ.

މީގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) އަމިން ކޮންސްޓްރަކްޝަންއިން ނަގައިދިނުމުގެ އިތުރުން ބައްސާމް ބޭނުން ކުރަމުންދިޔަ އަމިން ކޮންސްޓްރަކްޝަންގެ އަމިން އެވެނިއު އެޕަރޓްމަންޓް A1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް ޕީޖީން ވަނީ އެދިފައެވެ.

އެމްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، އެފްއޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް، ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަމިން ކޮންސްޓްރަކްޝަންގެ އިތުރުން ދެ ފަރާތެއްގެ މައްޗަށް ދައުވާއެއް ކުރުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ.

ޕީޖީ އޮފީހުން 19 ޖަނަވަރީ 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ގއ. ގެމަނަފުށި، ފެހިކުރި، މުޙައްމަދު ޢަޤީލްގެ މައްޗަށް ކުރާ ދަޢުވާއަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާއެވެ.

މުޙައްމަދު އަޤީލްގެ މައްޗަށް މި ދައުވާ ކުރަނީ އެފް.އޭ.އެމްގެ ފައިސާ ބޭނުންކޮށްގެން، އަމިން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރުމަށް ބައްސާމު ޢަދީލް ޖަލީލްއަށް އެހީތެރިވެދީފައިވާތީއެވެ.

ޕީޖީ އޮފީހުންބުނީ މުހައްމަދު އަޤީލް 2013 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ހުރެ، ބައްސާމު، 26 ޖަނަވަރީ 2021 ދުވަހު އަމިން ކޮންސްޓްރަކްޝަންގެ އަމިން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އެފް.އޭ.އެމްގެ އެކައުންޓުގައިވާ ފައިސާއިން އަމިން ކޮންސްޓްރަކްޝަނަށް ފައިސާ ދެއްކުމަށްޓަކައި، ޗެކު ތައްޔާރުކޮށްދީ، 14 އޭޕްރީލް 2021 ދުވަހު އެ ޗެކު މެދުވެރިކޮށް އަމީން ކޮންސްޓްރަކްޝަނަށް 1,000,000 (އެއް މިލިއަން އެމެރިކާ ޑޮލަރު) ޖަމާކުރުމުން، އެ ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުޢާމަލާތެއްކަމުގައި ދެއްކުމުގެ ގޮތުން އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، އަމިން ކޮންސްޓްރަކްޝަނުން އެފްއޭއެމަށް، ޖުމްލަ 15،420،000 (ފަނަރަ މިލިއަން ހަތަރުލައްކަ ވިހިހާސް ރުފިޔާ) ލިބުނުކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން އޭނާ ތައްޔާރުކޮށްފައިވާތީއެވެ.

ޢަޤީލްގެ އިތުރުން މ. ހިރިނައިދޫ، ޙަސަން ވަޙީދުގެ މައްޗަށް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑަރކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.

އޭނާގެ މައްޗަށް ދަޢުވާކުރަނީ، ބައްސާމް، އަމިން އެވެނިއު އެޕަރޓްމަންޓް ގަތުމަށް އަމިން ކޮންސްޓްރަކްޝަންއަށް ފައިސާ ދެއްކުމުގެ ގޮތުން، އެފްއޭއެމްގެ އެކައުންޓުގެ ޗެކެއް މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޗެކްމާކް ކުންފުންޏަށް 100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،000 (އެއް މިލިއަން ފަސްލައްކަ ސާޅީސް ދެ ހާސް ރުފިޔާ) އެފްއޭއެމްއަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓަރޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް ޙަސަން ވަޙީދު އިރުޝާދުދީ، އެ ފައިސާ ޖަމާކުރުމަށް އެހީތެރިވެދީފައިވާތީއެވެ.

އަދި އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް 19 ޖަނަވަރީ 2021 ދުވަހު ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސް އަށް 100,000 (އެއްލައްކަ އެމެރިކާ ޑޮލަރު) ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ -/1،542،500 (އެއް މިލިއަން ފަސްލައްކަ ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ) އެފް.އޭ.އެމްއަށް ދެއްކުމުގެ ގޮތުން ޕްރޯ ސިނަރޖީ މެޑިކަލް ސިސްޓަމްސްއިން ދޫކުރި ޗެކުގައިވާ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމިން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީއެވެ. މީގެ އިތުރުން އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕަރޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑަރކުރަން ބައްސާމު ޢަދީލް ޖަލީލްއަށް އޭނާ އެހީތެރިވެދީފައިވާތީއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމުގެ މައްޗަށް، ހުށަހަޅާފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ 2 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ 2 ދަޢުވާގެ ޝަރީއަތް ކޯޓުގައި ހިނގަމުން އެބަދެއެވެ.