ދިވެހި ޔޫތު ލީގުގެ 12 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ހޯދާފައެވެ.
ސަސް އިން 12 އަހަރުންދަށުގެ ލީގުގެ ކަށަވަރު ކުރީ ބާކީ އެއްމެޗު އޮއްވައެވެ. ލީގުގެ ފަހު މެޗުތައް ތާވަލުކޮށްފައިވަނީ އަންނަ ހަފްތާއަށެވެ. ސަސް އިން ލީގު ކަށަވަރުކުރީ ހެންވޭރު ދަނޑުގައި ޓީސީއާ ދެކޮޅަށް ކުޅުނު މެޗު 3-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.
ޖުމްލަ އަށް ޓީމު ވާދަކުރާ ލީގުގެ އެއްވަނައިގަ ސަސް އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 18 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނައިގައި އޮތް މާޒިޔާ ހުރިހާ މެޗެއް ކުޅެ ނިމިފައިވާއިރު އެ ޓީމަށް ލިބިފައިވަނީ 15 ޕޮއިންޓެވެ. ތިންވަނައިގައި ހަ މެޗުން 13 ޕޮއިންޓާއެކު ވިކްޓަރީ ސްޕޯޓްސް ކުލަބު އޮތްއިރު ހަތަރުވަނަ ޓީސީއަށް ލިބެނީ އަށް ޕޮއިންޓާއެކުއެވެ.
ފަސްވަނައިގަ އޮތް ވެލެންސިއާވެސް ވަނީ ހަމަ އެ އަދަދަށް ޕޮއިންޓް ހަމަކޮށްފައެވެ. ތާވަލުގެ ހަވަނަ މަގާމުގައި އޮތް ހުއްރިއްޔާ ސްޕޯޓްސް ކުލަބަށް ހަ މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ހަތްވަނައިގައި އޮތް ޔުނައިޓެޑް ވިކްޓަރީއަށް ފަސް ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ފުލުގައި އޮތް އީގަލްސްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ސަސް އިން ވަނީ މީގެ ކުރިންވެސް 12 އަހަރުން ދަށުގެ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ.