ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު ޓޮޓްނަމް ހޮޓްސްޕަރ އިން ބޮޑުކޮށްފިއެވެ.
މި މެޗުން ޓޮޓްނަމް ހޮޓްސްޕަރ މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 7 މެޗުން 14 ޕޮއިންޓާއެކު ތާވަލުގެ ހަވަނަ ލިބިފަ އެވެ. އެއްވަނައިގައި އޮތް ލާޒިއޯ އަށް 19 ޕޮއިންޓް ލިބިފައިވާއިރު، ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު ގަދަ އަށެއްގައި ހިމެނޭ އަށް ޓީމަށް ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ. އަދި ނުވަވަނަ އާއި 24 ވަނަ އާއި ދެމެދުގެ ޓީމުތަކަށް ޖެހޭނީ ހޯމް އެންޑް އަވޭ އުސޫލުން ޕްލޭއޮފް ދެ މެޗު ކުޅުމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އެދެވޭ ނަތީޖާތަކެއް މި ސީޒަނުގައި ހޯދިފައިނުވާއިރު ލީގުގައި އެންމެ ފަހުން އެވަޓަން އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޓޮޓްނަމް އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.
ހޮފެންހެއިމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނިޓުގައި ޓޮޓްނަމްގެ ޖޭމްސް މެޑިސަން ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ ޕެޑްރޯ ޕޯރޯ ޖައްސާލި ބޯޅައެއް ވަރަށް ބާރަށް ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން މެޑިސަން ކާމިޔާބު ކޮށްފައިވާ ލަނޑެކެވެ. މި މެޗުގައި ޓޮޓްނަމްއިން ޖެހި ދެވަނަ ލަނޑަކީ މެޗުގެ 22 ވަނަ މިނިޓުގައި ކެޕްޓަން ސޮން ހުއެން-މިން ކާމިޔާބުކޮށްދިން ލަނޑެކެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިއިރު 2-0 ގެ ނަތީޖާއަކުން ޓޮޓްނަމް ކުރީގައި އޮތް ނަމަވެސް، މެޗުގެ 68 ވަނަ މިނިޓުގައި ހޮފެންހެއިމްގެ އެންޓޮން ސްޓެޗް ވަނީ ކައުންޓަރ އެޓޭކެއްގައި ލަނޑެއް ޖަހާ އެ ޓީމުގެ ހިތްވަރު އައު ކޮށްދީފައެވެ. ނަމަވެސް އޭގެ ނުވަ މިނިޓު ފަހުން ސޮން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް ބޮޑުކޮށްފައެވެ.
ހޮފެންހެއިމްގެ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އެ ޓީމުން އިތުރު ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް ޑޭވިޑް މޮކްވާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މުބާރާތުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި އަންނަ ބުރާސްފަތި ދުވަހު އެލްފްސްބޯޖް އަތުން ޓޮޓްނަމް މޮޅުވެއްޖެނަމަ، އެ ޓީމަށް މި މުބާރާތުގެ ދެވަނަ ބުރުގެ ސީދާ ޖާގައެއް ލިބިގެންދާނެ އެވެ.